އަބޫޖަހުލަށް ހަދާލިގޮތް ހަދާލާނެކަމަށް ބުނިމީހާ ކޯޓުގައި ވެސް އެކަން ތަކުރާރު ކޮށްފި
އަބޫޖަހުލަށް ހަދާލި ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މީހާ ކޯޓްގައިވެސް އެވާހަކަ ތަކުރާރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި އިސްމައިލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވާހަކަދައްކަމުން އޭނާ ކުރިން ފޭސްބުކުގައި ލިޔުނު ކޮމެންޓަށް ހަވާލާދީ ބުނީ އެ ކަން ކުރަން ޖެހޭ ކަމަށެވެ.
ކޯޓްގައި އޭނަ އެހެން ބުނުމުން އެއް މަސް ދުވަހަށް ޖަލަށް ލާން މިއަދު އޭނާއަށްވަނީ ހުކުމް ކޮށްފައެވެ.
ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖޭން ބޭރުގައި ހުންނަވައިގެން ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް، މި މީހާ ކުރި ކޮމެންޓެއްގައި ލިޔުނީ ރާއްޖެ އައުމުން އަބޫ ޖަހުލަށް ހެދި ގޮތަށް ހަދާނެ ކަމަށެވެ.
ރ. މީދޫގައި ހުއްޓައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރު ކުރި އުމުރުން 40 އަހަރުގެ ޔާސިފްގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އޭނާ ގެންދިޔައީ ނަޝީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ އަޑުގަދަކޮށްފައެވެ.
މި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ އާދަމް ނިންމެވީ ޔާސިފްގެ އަމަލުތައް ހުރީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށެވެ. އެހެންވެ އެ ކުށުގައި ޔާސިފް އެއް މަސް ދުވަހަށް ޖަލަށް ލާން ގާޒީ ހުކުމް ކުރެއްވިއެވެ.
މީގެ ކުރިން އޭނާގެ ބަންދުގެ މުއްދަތު ޖަހަން ވެގެން ހާޒިރު ކުރީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުގައި ވެސް އޭނާ އެ ގޮތަށް ނަޝީދަށް މަރުގެ އިންޒާރުތައް ދޭން ފެށުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.
ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަމަލާއިން ލިބުނު ޒަޚަމްތަކަށް ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭއިންނެވެ. ހަފުތާއެއްހާ ދުވަސްވަން ދެން ގިނަ އޮޕަރޭޝަންތަކެއް ކޮށްގެން ޒަޚަމްތަކަށް ލުއި ލިބެން ފެށުމުން ޖަރުމަނަށް ވަޑައިގެން މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ.
މި ހަމަލާއަށް ފަންޑު ކުރި މީހުންނާއި ރޭވި މީހުން ހޯދެން ދެން ބޭރުގައި މަޑުކުރައްވަން ނަޝީދު ނިންމެވިއެވެ. އެ މުއްދަތަށް ނަޝީދުގެ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގެން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ވެސް ނަޝީދު ލިޔުއްވިއެވެ

