އަލީ ވަހީދުގެ ވާހަކަތަކަށް ސަރުކާރުން ރައްދު ދީފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅޭގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަ ތަކަށް ސަރުކާރުން ރައްދު ދީފިއެވެ.
ރޭ ސިއްރުތަކެއް ފަޅާ އަރުވާލަން ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް ސޯލިހު ނެންގެވި ކަމަށެވެ. އެ ފައިސާ ނެންގެވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރުގެ މަގާމުގައި ރައީސް ހުންނެވި އިރުކަމަށާއި އެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ހުންނާނެ ކަމަށް އަލީ ވިދާޅުވި އެވެ.
މި ތުހުމަތުތަކާއި ގުޅިގެން “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އަލީ އެދެއްކެވި ފަދަ ވާހަކަތަކަށް މީގެ ކުރިން ރައީސް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް އާއި ގުޅޭގޮތުން އަލީ ދެއްކެވީ ތޯތޯ ވާހަކައެއް ކަމަށެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ކޮމްޕްރޮމައިޒްވާ ފަދަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށެވެ. އަދި ހުރި ކަމަށް ވިދާޅުވާ ބޭފުޅުން އެ އެއްޗެއް އާއްމު ކުރަންވީ ކަމަށް އެ ދުވަހު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެހެންވެ މިއަދު މަބްރޫކް ވިދާޅުވީ އަލީ އެކުރައްވާ ތުހުމަތުތަކުގެ ހެކި ހުރި ނަމަ އަވަހަށް އާންމު ކުރައްވަންވީ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް ޔަގީންވާނީ އެ ހުރި ކަމަށް ވިދާޅުވާ ހެތްކެއް އާންމު ކުރުމުން ކަމަށެވެ.
އަލީ ރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން “ކަޅު ދަބަސް” އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ވީޑިއޯވެސް ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.



Hekithah nanthaaleema nuhunnaaneni