އެއްހާފު އެއްކޮށް ދިހަ ކުޅުންތެރިންނާއި އެކު ކުޅެ ޗެލްސީއިން ލިވަޕޫލް އާއި އެއްވަރުކޮށްފި
މި ސީޒަންގައި އިންގުލިސް ޕްރިމިއާރ ލީގު ހޯދާނެކަމަށް ބުނާ ޓީމުތަކުގެ ގޮތުގައި ހިމެނޭ ވަރުގަދަ ދެ ޓީމުކަމަށްވާ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޗެލްސީގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ފަހުހާފު އެއްކޮށް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެ ލިވަޕޫލު މޮޅުވިޔަ ނުދީ ޗެލްސީ އިން ހިފަހައްޓައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީގެ ޖޭމްސްއަށް މެޗުގެ ރެފްރީ އެންތޮނީ ޓޭލާ ރަތް ކާޑުދައްކާފައި ވަނީ ސެޑިއޯ މާނޭ ފޮނުވާލި ބޯޅަ ގޯލްގެ ރޮނގު މަތީގައި ހުރި ޖޭމްސް އަތުގައި ޖެހުނު ކަމަށް ނިންމުމަށް ފަހުއެވެ. ރެފުރީގެ މި ނިންމުން ނިންމާފައިވަނީ ވީއޭއާރްގެ އެހީގަ އެވެ.
ރޭކުޅެވުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީ އިންނެވެ. މިއީ މެޗުގެ 22 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ކޯނަރު ޖޭމްސް ނަގައިދިނުމުން ހަވަޓްޒް ބޮލުން ޖަހައި ލިވަޕޫލްގެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި ލިވަޕޫލުގެ ލަނޑަކީ ޖޭމްސްއަށް ރަތްކާޑު ދައްކާ އެޓީމަށް ދިން ޕެނަލްޓީ ސަލާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލިވަޕޫލުގެ ދަނޑުގައި ރޭ ކުޅެވުނު މި މެޗުގެ ދެ ވަނަ ހާފު ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފެއްދުމަށް ލިވަޕޫލު ޓީމުން މަސައްކަތް ކުރި ނަމަވެސް މެޗުގެ ނަތީޖާ ބަދަލު ކޮށްލެވޭނެ ހާލަތެއް ލިވަޕޫލަކަށް ނުހޯދުނެވެ.
އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ޗެލްސީ އިންވަނީ ދެވަނަ ހާފު ފެށުނުއިރު ޓީމަށް ބަދަލުތަކެއް ގެނެސް ޑިފެންސް ކުރުމަށް ބޮޑު ސަމާލުކަމެއް ދީފައެވެ. އޭގެ ބޭނުން ހިފާ ޗެލްސީއިން ވަނީ އެއް ހާފު އެއްކޮށް 10 ކުޅުންތެރިންނާއި އެކު ކުޅެ ލިވަޕޫލު މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ.



