ހަވާނަފްސަށް ތަބައުވުމާއި އެއަށް އަޅުކަން ކުރުން (ތިންވަނަބައި)
މިސާލެއް:
މީހަކު ޒިނޭ ކުރަން ލޯބިކޮށްފާނެއެވެ. އެހެނަސް އެކަމަކީ ހަލާލު ކަމެއްކަމުގައި އޭނާ ނުހަދައެވެ. އަދި އެކަމުގެ ދެވިހިފައި — ނަމާދު އެޅުން ފަދަ — އެހެން ބޮޑު ކުފުރަކަށްވެސް އަރައެއްނުގަނެއެވެ. މިފަދަ މީހަކީ ފާސިޤެކެވެ. އަދި ފާޖިރެކެވެ. އަދި މިއާއި އެކުވެސް އިސްލާމްކަމުގެ ތަރަހައިގައި އޭނާ ދެމިހުރެއެވެ.
އޭނާގެ ލޯބީގެ ސަބަބުން، އެކަން ހަލާލު ކަމަށް ދެކިއްޖެނަމަ، އަދި އޭނާގެ ހިތު އަޑީގައި އެކަމުގެ ( ފާފަ ގެ މައްޗަށްވާ ) ނުރުހުންތެރިކަން ( قبح ) ނެތިގޮސްފިނަމަ ނުވަތަ ޝަރީޢަތުގައި އެކަން ހަރާމް ވުމުގެ އޭނާ ނުރުހިއްޖެނަމަ⁽⁵⁾ އަދި އެކަން ހަރާމްކުރާ ( ޤުރުއާނާއި ސުންތުގެ ) ނައްޞުތަކަށް އޭނާ ގެ ހިތުއަޑީގެ ކިޔަމަންގަތުން ( އިންޤިޔާދު ) ހުއްޓާލައިފިނަމަ ނުވަތަ ހިތްނުތަނަވަސް ކޮށްފިނަމަ އަދި އެނެތިދިޔުމަށް ލޯބިކުރާނަމަ، އަދި އެހެންނޫނީ އެލޯބީގެ ސަބަބުން އޭނާ އެހެން ކުފުރަކަށް — ނަމާދު އެޅުމަށް – އަރައިގެންފިނަމަ އޭނާ އަކީ ކާފަރެކެވެ. އެހެނަސް މިއީ އޭގެ ޒާތުގައި ޒިނޭ ކުރުމަކުންނޫނެވެ. އެހެނަސް އޭނާގެ ނަފްސު ކުފުރު އަކްބަރު ގެ ތެރެއަށް ވައްޓާލުމުންނެވެ. އަދި ކިއެއްހެއްޔެވެ.؟ އޭނާ ދުވަހަކު ޒިނޭ ނުކުރިޔަސް، ޒިނޭ އިސްތިހްލާލު ( ހަލާލު ) ކޮށްފިނަމަ އެކަމުގެ ސަބަބުން އޭނާ ބޮޑު ކުފުރުގެ ތެރެއަށް ވެއްޓެއެވެ. އަދި މިފަދައިން ﷲ ގެ ޝަރުޢުގެ އެއްވެސް ކަމެއްގެ މައްޗަށް އޭނާ ކަންތައްކޮށްފިނަމަ ކުފުރުވެއެވެ. އެއީ ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި އެއިލާހު ވަޙީ ކުރެއްވިފަދައިންނެވެ:
{فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا}
(( އެހެންނެއްނޫނެވެ.! ކަލޭގެފާނުގެ ރައްބު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެމީހުން މެދުގައި އުފެދިފައިވާ، އަދި އުފެދޭ ދެބަސްވުންތަކުގައި ކަލޭގެފާނު ހުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެއެވެ.! އަދި އެހިނދު، ކަލޭގެފާނު ނިޔާ ކުރެއްވި ގޮތާއިމެދު އެމީހުންގެ ހިތްތަކުގައި ކުޑަވެސް ދަތިކަމެއް ނުދެކުމަށް ދާންދެނެވެ. އަދި އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވުމަށް ދާންދެންނެވެ.))
ހަމަ މިބީދާއިން، އޭނާ އެއަށް ލޯބިކޮށް ( ނޫނީ ދެވިހިފުމުގެ ސަބަބުން ) ނަމާދު އަޅަންފަށައިފިނަމަ، ނަމާދު އެޅުން – މިއީ އޭގެ ޒާތުގައި ކުފުރެކެވެ. އޭނާ ޒިނޭ ކުރިޔަސް ނޫނި ނުކުރިޔަސް އެވެ. އަދި އޭނާ ނަމާދު އެޅީ ޒިނޭގެ ސަބަބުންނަމަ މިއީ އިތުރު ނުބަޔެކެވެ. އަދި ޢަޒާބުގައި އިތުރުވުމެކެވެ.
(ނުނިމޭ)
______
⁽⁵⁾ ކަމެއްގެ ޙުކުމަށް ނުރުހުމާއި ޠަބީޢަތުގައި ނުރުހުން މިއީ ދެކަމެކެވެ. މިސާލަކަށް، ޖިހާދަކީ ﷲ ފަރުޟު ކުރެއްވިކަމެކެވެ. އެހެނަސް މީސްތަކުން އެއަށް ނުރުހިގެން ވާކަމަށް އެއިލާހު އެންގެވިއެވެ. އެހެނަސް މިއީ އެއަމުރަށް ނުރުހުމެއް ނޫނެވެ. އެހެނަސް އިންސާނާ މަރަށް އަދި ބުރަކަމަށް އޮންނަ ނުރުހުމުގެ ސަބަބުންނެވެ. އެހެން ކަމުން މި ނުރުހުމަކީ ކުފުރެއް ކަމަށް ﷲ ނުއަންގަވައެވެ. މިގޮތުން އަންހެނަކަށް އޭނާގެ ފިރިމީހާ އެހެން މީހަކާއި ކައިވެނި ކުރުމަށް އޮންނަ ނުރުހުން ވެސް މިއީ ތަބީޢީ ނުރުހުމެކެވެ. ހަމަ އެފަދައިން މީހަކު ﷲ ޙަލާލު ކުރެއްވި އެއްޗެއް ކެއުމަށް ނުރުހިދާނެއެވެ. އެއީ އޭނާއަށް އޭގެ ރަހަ ނުބައިވުމުންނެވެ. ވީމާ އެއީ އެ ޙަލާލު ކުރެއްވީތީ ނުރުހުމެއް ނޫނެވެ.


