ދީން

ހަވާނަފްސަށް ތަބައުވުމާއި އެއަށް އަޅުކަންކުރުން (އެއްވަނަބައި)

 ހަވާނަފްސަށް ތަބައުވުން ވަނީ ތަފާތު ދަރަޖައަށެވެ. އޭގެ ތެރޭގައި ދީނުން ބޭރުވެ މުރުތައްދުވާފަދަ ބޮޑު ކުފުރާއި ޝިރުކު ވެސް ހިމެނެއެވެ. އަދި ބޮޑު ފާފަ އާއި ކުދި ފާފަވެސް ހިމެނެއެވެ.

 (ހ.) ބޮޑު ކުފުރާއި ބޮޑު ޝިރުކަށް ދާކަންކަން:

އެމީހެއްގެ ހަވާނަފްސަށް ތަބައުވެ، ﷲ ގެ ރަސޫލުގެ އަމުރަށް އިންކާރުކޮށް، ނޫނީ އެއަށް ހަޖޫޖަހައި، ނޫނީ ބޮޑާވެ އެއަށް ފުރަގަސްދީފިނަމަ، އެއީ ފުރުޤާން ސޫރަތުގެ 43 ވަނަ އާޔަތާއި އަލްޖާޡިޔާ ސޫރަތުގެ 23 ވަނަ އާޔަތާއި ޤަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގައި ވާފަދައިން،އެހެންވެއްޖެނަމަ މިއީ ޝިރުކެވެ. ހަމަ މިފަދައިން، ހަވާނަފްސުގެ  އެދުމަށް ތަބައުވެ، ބޮޑު ކުފުރަކަށް ނޫނީ ޝިރުކަކަށް މީހަކު އަރައިގަނެފިނަމަ، މިއީ ހަވާނަފްސުގެ ސަބަބުން މުރުތައްދުވުމެކެވެ.

ގުޅުންހުރި ލިޔުންތައް

(ށ.) ކުޑަ ޝިރުކު ކުފުރު:

 ހަމަ މިފަދައިން ޤުރުއާނާއި ސުންނަތުން ސާބިތުވަނިވި، ދީނުން ބޭރުނުވާ ކުފުރާއި ޝިރުކު ތަކަށް ހަވާނަފްސުގެ ސަބަބުން އަރައިގެންފި މީހަކީ އެފަދަ ދީނުން ބޭރުނުވާ ފާފައެއް ކުރި މީހެކެވެ. މީގެ މިސާލަކީ އަޅުކަމުގައި ދެއްކުންތެރިކަން ( އައްރިޔާ ) ވަނުމެވެ. ހަމަ އެފަދައިން ﷲ ނޫން ފަރާތެއް ގަންދީ ހުވައެއް ކުރުންވެސް ކުޑަ ޝިރުކުތެރޭ ހިމެނެއެވެ. މިފަދަ ކަންކަމީ ބޮޑުފާފައަށްވުރެ ނުބައި ކަންކަމެވެ.

(ނ.) ފާފަތައް:

 އެމީހެއްގެ ހަވާނަފްސުގެ އެދުމަށް، ޒިނޭ ނުވަތަ ދޮގުހެދުން ފަދަ ފާފަ ތަކަށް އަރައިގަންނަ މީހަކީ ބޮޑު ފާފަވެރިއެކެވެ. މިއީ ފާސިޤުންނެވެ. ބޮޑު ފާފައިގެ ތެރޭ ނުހިމެނޭ އުރެދުންތަކަށް އަރައިގަންނަ މީހަކީ ފާފަވެރިއެކެވެ.

 ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުން މިއީވެސް ޝިރުކުގެ ބާވަތެކެވެ. އެހެނީ ހަވާނަފްސުގެ ސަބަބުން ﷲ އަށް އުރެދުމެވެ. އެހެނަސް ބޮޑު ޝިރުކާއި ޚިލާފަށް، ފާފަތަކާއި އުރެދުންތަކަކީ ﷲ ގެ އިރާދައާއި އެކު އެހެންޏާ ޢަފޫ ކުރައްވާނޭ ނޫނީ ޢަޒާބަށްފަހު ފުއްސަވާނޭ ކަންކަމެވެ.

  ﷲ تعالى  ވަޙީ ކުރެއްވިއެވެ:

{أَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ}

 ”އެމީހެއްގެ އިލާހެއްކަމަށް ހަވާނަފްސު  ނެގި މީހާ ކަލޭގެފާނު ދެކިލެއްވިންތޯއެވެ.؟“

މި އާޔަތް ނިޞްބަތްވަނީ ބޮޑު ޝިރުކު އާއި ކުޑަ ޝިރުކު ގެ މައްޗަށެވެ. އެހެނީ ﷲ ނޫން އެއްވެސް ފަރާތަކަށް ތަޢައްލުޤު ވުމީ (ގުޅިލާމެހުމަކީ)  އެއިލާހު ނޫން ފަރާތަކަށް އަޅުވެތިވެ އަދި އިލާހުވަންތަ ވުމެކެވެ. އަދި މިކަންތަކަކީ އެހެންޏާ ބޮޑު ކުފުރު ނޫނީ ކުޑަ ކުފުރަށް ވާ ކަމެކެވެ. (އަދި ބައެއް ޖާހިލުން ދެކޭ ފަދައިން، ހަވާނަފްސަށް ތަބައުވާ ކޮންމެ މީހަކީ ހަމައެކަނި ދީނުން ބޭރުވާ ކުފުރަށް ވެއްޓޭ މީހެއް ކަމުގައެއް ނޫނެވެ.)

މިހެން ކަމުން ބައެއް ޢިލްމުވެރިން އެންމެހާ އުރެދުމަކީ ޢާންމު މަފްހޫމުގައި ޝިރުކު ތެރެއަށް ވަންނަ އެއްޗެއް ކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ ﷲ  تعالى އަށް އުރެދޭ ކޮންމެ މީހަކީ، އޭނާގެ ހަވާ ނަފުސަށް ތަބަޢަވެގެން ހުރި މީހެކެވެ. އަދި ހަވާ ނަފުސަށް އަޅުވެތި ވެއްޖެ މީހެކެވެ. މިއީ ރަސޫލު ﷲ ﷺ ގެ މިޙަދީޘް އިން މިއަށް ދަލީލު ކުރާ ފަދައިން ނެވެ:

«تعس عبد الدينار، تعس عبد الدرهم، تعس عبد الخميصة، تعس عبد الخميلة، ان اعطي رضي، وان لم يعط سخط، تعس وانتكس» —رواه البخاري

”ދީނާރާއި، ދިރުހަމުގެ އަޅާއަށް ހަލާކު ހުއްޓެވެ. މަޚުމަލުގެ ސާލައި، ޖަރީކުރެވިފައިވާ ސާލުގެ އަޅާއަށް ހަލާކު ހުއްޓެވެ. (އެބަހީ: ދުނިޔޭގެ މުދަލަށް އާޅުދާސްތުވެފައިވާ މީހާއަށް ހަލާކު ހުއްޓެވެ) އޭނާއަށް، (އެތަކެތި) ލިބިއްޖެނަމަ ރުހެއެވެ. އަދި ނުލިބިއްޖެނަމަ ރުޅިއާދެއެވެ. އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާ މޫނުވަތަށްޖެހޭ ހުއްޓެވެ. (އެބަހީ ބަރުބާދުވާ ހުއްޓެވެ).“

އެހެނަސް ކަމެއްގެ މައްޗަށް ހަވާނަފުސު ވެރިވި ޢަމަލުގެ މައްޗަށް — އެއީ ބޮޑު ކުފުރު ކަން ނޫނީ ކުޑަ ކުފުރު ކަން — ކަނޑައެޅުމަށް ޙުކުމް ކުރެވުން ރުޖޫޢަވަނީ، ޝަރުޢީ ޤަވާޢިދާއި ދަލީލާއި އެހެނިހެން ތަފްޞީލުތަކުގެ މައްޗަށެވެ.

އައްޝަންޤީޠީ أضواء البيان ގައި މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: އިބްނު ކަޘީރު رحمه الله މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: … އެބަހީ: އެއްޗެއް އެމީހަކަށް ރަނގަޅުވެލާއިރަށް، އަދި އޭނާގެ ހަވާ ނަފުސުގައި އެކަމެއް ހެޔޮކަމަށް ދެކެވޭ އިރަށް، އެއީ އޭނާގެ ދީން ކަމުގައި އަދި މަޛުހަބު ކަމުގައި ނެގުމެވެ. …އިބްނު ޢައްބާސް ވިދާޅުވިއެވެ.: ”ޖާހިލިއްޔަތުގައި މީހަކު ހުދު ހިލަޔަކަށް ޒަމާނެއް ވަންދެން އަޅުކަންކޮށް އުޅުނެވެ. ފަހެ ދެން އެއަށްވުރެ ރީތި ހިލައެއް އޭނާ އަށް ފެނިއްޖެނަމަ، މިދެވަނަ ހިކަޔަށް އަޅުކަންކޮށް ފުރަތަމަ ހިލަ ދޫކޮށްލައެވެ.“

”އައްދުއްރުލް މަންޘޫރު“ ގައި ޛިކުރުވެފައިވެއެވެ: އަބޫ ޙާތިމް އާއި އިބްނު މަރްދަވީހި ރިވާކުރެއްވިޔޭ، އިބްނު ޢައްބާސް އަރިހުން: ”މިއާޔަތް ބާއްވައިލެއްވެވުނު ސަބަބަކީ ފުރަތަމަ ހިލައިގެ މަޤާމުގައި ދެވަނަ ހިލަޔަށް ކާފަރުން އަޅުކަން ކުރުމެވެ.“

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close