ޚަބަރު

ރައީސް ޞާލިޙު، ކޮޅުމަޑުލަށް ދަތުރުފުޅެއް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮލުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިދަތުރު ފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ތ. ތިމަރަފުއްޓަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތިމަރަފުށި ހިމެނޭހެން ކޮޅުމަޑުލުގެ 7 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ތިމަރަފުއްޓަށް އެމަނިކުފާނު ވަޑައިގަންނަވާއިރު، ކިނބިދޫ، އޮމަދޫ، އަދި ވޭމަންޑޫއަށް މާދަމާ ވަޑައިގަންނަވާނެއެވެ. އަދި ދަތުރުފުޅުގެ ފަހު ދުވަހު އެ އަތޮޅު ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގައި ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް ބައްލަވާލެވުމުގެ އިތުރުން ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ސަރުކާރުގެ ބައެއް މުއައްސަސާތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިއީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ޙާލަތު ރަނގަޅުވާން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ މިފަދަ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު މިދިޔަ ޖުލައިމަހުގެ ތެރޭގައި ވަނީ ތިލަދުންމަތީގެ ބައެއް ރަށްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close