މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭ ހާލަތަށް ގައުމު މިވަނީ ވެއްޓިފައި – އާދަމް ޝަރީފް
މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭ ހާލަތަށް ގައުމު މިވަނީ ވެއްޓިފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ދައްކާވާ ވާހަކަތަކާއި ގުޅުވައިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައެވެ.
އާދަމް އިތުރަށް ވިދާޅުވީ ވަޒީރަކު ސަރުކާރުގެ މުއައްސަސާތަކަށް އެފަދަ ތުހުމަތުތަކެއް ކުރެއްވުމުން އެކަން ތަހުގީގުކޮށް ފިޔަވަޅު ނާޅާނަމަ އެއިން ދޭހަވަނީ ގާނޫނީ ވެރިކަމެއް ރާއްޖޭގައި ނެތްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު މަހުލޫފް ހުންނެވީ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގް ކުރުމަށް ރައީސް އިބްރާހިމް ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ލަދުގަންނަ ވަރުގެ ޗެޓް ލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު މަހްލޫފު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅައި އޭނާގެ މައްޗަށް ދަޢުވާކޮށްފި ނަމަ އެމްއެންޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ވަރުގެ ކޭސްއަކަށް އެ ކޭސް ވެގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި މުޅި ދައުލަތް “އޮރިޔާން”ވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވި އެވެ.
