ޕީޖީ ޝަމީމް ދައްކަވާ ވާހަކަތައް ދެކޮޅެއް ނުޖެހޭ – ޤާޟީ ހައިލަމް
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީކަން ކުރިން ކުރެއްވި އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ޝަމީމް ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވީ ސާބިތުވާ ވަރަށް ހެކި ހުރިކަމަށް ވިދާޅުވެފައި، އިއުތިރާފްގެ އެއްބަސްވުމެއް ހަމަލާގެ ބައިވެރިޔަކާއިއެކު ހެދުމުންނެވެ. ހައިލަމް ވަނީ ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާއި އެކީ ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. “ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާ އެކީ ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ؟ ތިޔަ ވިދާޅުވާ ވާހަކައެއް ދެކޮޅުނުޖެހޭ.” ހައިލަމް ވިދާޅުވިއެވެ.
އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އަދުހަމް ވަނީ ތުހުމަތުތަކަށް އިއުތިރާފުވެ ބަންދުގެ މަޖިލީހުގައި، ކޯޓުގައި ވެސް ބަޔާން ދީފަ އެވެ.
އަދުހަމްގެ އިތުރުން މުޖާޒް މުހައްމަދާއި ތަހްމީން އަހްމަދާއި އަލީ ހައިޝަމަށް ވެސް ވަނީ ބޮޑެތި ދައުވާތަކެއް ކޮށްފަ އެވެ. ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ފާތިހަށް ދައުވާކުރެވޭ ވަރަށް އަދި ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް އަދި ދައުވާ ނުކުރަން ވެސް ޝަމީމް ވަނީ ނިންމަވާފައެވެ.


