ޚަބަރު

ރޭ ދަންވަރު ހުޅުމާލެގައި ބާރުގަދަ އަޑަކާއިއެކު އެއްޗެއް ގޮއްވާލައިފި

ރޭ ދަންވަރު 12:45 ހާއިރު ހުޅުމާލޭގައި ބާރުގަދަ އަޑަކާއިއެކު އެއްޗެއް ގޮއްވާލައިފިއެވެ.

އާދަޔާ ޚިލާފު ބާރުއަޑާއެކު އެއްޗެއް ގޮއްވާލައިފަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލް ސަރަހައްދުގައި ކަމުގައި ވަނީ މަޢުލޫމާތު ލިބިފައެވެ. އެހެންކަމާއެކު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ހުޅުމާލޭގައި ގޮވާފައި ވަނީ ކޮން އެއްޗެއްކަން އަދި އެނގިފައެއް ނުވެއެވެ. ރަސްމީ އެއްވެސް ފަރާތަކުންވެސް އެކަމުގެ ތަފްޞީލެއް ދެއްވާފައިނުވާއިރު މިއީ ޢީދު ފާހަގަކުރުމުގެ ގޮތުން ބަޔަކު ގޮއްވާލި އެއްޗެއްކަމަށްވެސް ބައެއް ފަރާތުން ތުހުމަތު ކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިކަމަށް ވަގުތު ނޫހުން ރިޕޯޓްކޮށްފައިވަނީ ހުޅުމާލޭގައި ބާރުގަދަ އަޑެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ބާރުގަދަ ގޮވުން ގޮވާފައި ވަނީ ހުޅުމާލެ ބޯގަންވިލާ މަގު، ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދުގައި ކަމަށްވެސް ފުލުހުންނާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މައުލުމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިގޮވުމާއި ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި ބައެއް ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވި މަންޒަރު ވަނީ ފެނިފައެވެ.

ބާރުގަދަ އަޑަކާއިއެކު ހުޅުމާލޭގައި ގޮވީ ކޮންއެއްޗެއްކަން ސާފުކޮށްދިނުން ފުލުހުން ލަސްކުރާތީ ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ މޭމަހުގެ 6 ވަނަދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި، މި ގޮވުމާއި އެއްވެސް ގުޅުމެއް ވާކަމެއް ނުވަތަ ނޫންކަމެއްވެސް އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close