ޚަބަރު

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ނެރުނު އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފި

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ 241 ކޮމިޓީން ނެރުނު އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.

ގުޅުންހުރި ލިޔުންތައް

ރޭ 8:30 ގައި ފެށި ޖަލްސާ ނިންމާލީ ހަތްގަޑިއިރަށް ވުރެ ދިގު ބަހުސަށް ފަހު ފަތިހު ހަތަރެއްޖެހުމާ ދާދި ގާތްވެފައި ވަނިކޮށެވެ. 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަށް މަޖިލީހުގެ ހުރިހާ މެންބަރުންހެން ބަހުސް ކުރައްވާފަ އިވެއެވެ. ރިޕޯޓް ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.

އިއްޔެ ހަވީރު ނެރުނު މެއި 6 ގެ އިންކުއަރީ ރިޕޯޓުގައި ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ޑިފެންސް މިނިސްޓަރު މާރިޔާއާ ހިއްސާ ކުރެއްވި މައުލޫމާތު، މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ހަމަ އެފަދައިން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްގެ ފަރާތުން އިންކުއަރީގައި ބުނެފައި ވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރު އެ ވާހަކަ ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

ބައެއް މެންބަރުން ވަނީ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކަމާއެކު އެޅުމަށް ގޮވާލެއްވިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައި ވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ، ހަމަލާ ދިނުމުގެ ބޭނުމާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.

ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެހިސާބަށް ދެވިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމެއް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ފާޑުވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަންތައްތައް ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ސިފައިންނާއި ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައި ވެއެވެ.

271 ސަފްހާގެ އެ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފާއި އިންޓެލިޖެންސްގެ މަސައްކަތްތައް ހަރުދަނާކުރަން ހިމެނޭގޮތަށް 45 ކަމެއް ކުރުމަށް ލަފާދީފައި ވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިން އަބަދުވެސް ހަތިޔާރާއެކު ފޯރިމަރަން އެމްއެންޑީއެފްއަށް އަންގަން ވެސް ލަފާދީފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close