ކުޅިވަރު

މެސީގެ ތަފާތު ދައްކާ – އާޖެންޓީނާ ސެމީއަށް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީގެ ތަފާތު މޮޅުކުޅުން ދައްކާ އެކުއެޑޯގެ މައްޗަށް 3-0 އިން ކުރިހޯދައި އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އާޖެންޓިނާއިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީ ފަހު ގޯލު ހިތްގައިމު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދީ މި މެޗުގައި މެސީ ވަނީ އޭނާގެ ފުޓްބޯޅައިގެ ޖާދޫ ފިސާރި ރަނގަޅަށް ދައްކައިދީފައެވެ.

ރާއްޖޭގެ ގަޑިން މިއަދު ހެދުނު 6.00 ގައި ކުޅެވުނު މި މެޗުގައި އާޖެންޓީނާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިފަ އެވެ. މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުން މި ގޯލު ޖެހީ ރޮޑްރީގޯ ޑެ ޕޯލް އެވެ. އެ ބޯޅަ މެސީ އަށް ވެސް ގޯލަށް ފޮނުވާލެވެން އޮތް ނަމަވެސް އޭނާ ދިނީ ޑެ ޕޯލް އަށެވެ. އޭރިއާތެރެއިން ޑެ ޕޯލް ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ކުރިން މިޗުގެ ފުރަތަމަ ހާފުގައި މެސީއަށް ހުސްކޮށް ގޯލަށް ޖަހަން ފުރު ސަތުލިބި ވަނީ މެސީ ޖެހިބޯޅަ ގޯލުދަނޑިއަށް އަމާޒުވެ ނާކާމިޔާބުވެފައެވެ. އެކުއެޑޯ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މެސީ ދިން ބޯޅައަކުން އާޖެންޓީނާގެ ދެ ވަނަ ގޯލު ޖަހާ ދީފައިވަނީ ލަޓާރޯ މާޓީނޭޒް އެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި އެކުއެޑޯގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ލިބުނު ހިލޭޖެހުމަކުން އާޖެންޓިނާގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެސީއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މެސީ ޖެހި ހަތަރު ވަނަ ގޯލެވެ.

ސެމީގައި އާޖެންޓީނާއާ ބައްދަލުކުރާނީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން އުރުގުއޭ ބަލިކުރި ކޮލަމްބިއާ އާއެވެ. މި މެޗު އޮންނާނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close