ނެދާލޭންޑުސްގެ އެބުރިއައުން މޮޅަކުން ފަށައިފި
ހަތްއަހަރުގެ މެދުކެނޑުމަކަށްފަހު ބައިނަލުއަޤުވާމީ ބޮޑު މުބާރާތެއްގައި ނެދަލޭންޑްސްއިން ކުޅުނު ފުރަތަމަ މެޗުން ޔޫކްރޭން އަތުން 3-2 އިން މޮޅުވެއްޖެއެވެ.
ޔޫރޯ 2020ގެ ގުރޫޕް ސީގައި ރޭ ކުޅެވުނު މި މެޗުވެގެން ގޮސްފައިވަނީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ މެޗުކަމުގައެވެ. މެޗުގައި ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނުނު ނަމަވެސް ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސް އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޔޫކްރޭން އިން ވަނީ 5 މިނިޓް ތެރޭގައި ފަހަތުން އަރައި ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލައިފައެވެ. އެހެން ނަމަވެސް، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނެދަލޭންޑްސް ވަނީ ފަހު ވަގުތު މެޗުން މޮޅުވެފައެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ގޯލު ނެދަލޭންޑްސްއަށް ކާމިޔާބުކޮށްދީފައިވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން ޖޯޖީނިއޯ ވައިނާލްޑަމްއެވެ. އޭގެ ހަ މިނިޓު ފަހުން، ނެދަލޭންޑްސް އިން ލީޑު ފުޅާކުރީ ފޯވަޑް ވައުޓް ވެގްހޯސްޓް ކާމިޔާބުކުރި ލަނޑަކުންނެވެ.
ނެދަލޭންޑްސް އިން ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް ޔުކްރޭނުން ދިޔައީ ނެދަލޭންޑްސްއަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން އަންދްރީ ޔަރްމޮލެންކޯގެ ހިތްގައިމު ގޯލަކާއިއެކު އެޓީމުގެ އުއްމީދު އާލާވެގެން ދިޔުމެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން، ރޯމަން ޔަރެމުކް ކާމިޔާބުކުރި ލަނޑުން ނެދަލޭންޑްސް ސިހުންގެނެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
ނަމަވެސް އަމިއްލަ ސަޕޯރޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ނެދަލޭންޑްސް އިންވަނީ މެޗުގެ 85 މިނިޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި މުޙިއްމު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުކޮށްލި ޑަމްފްރީސްއެވެ.



