ޚަބަރު

މިޝްކާ މަރުވި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަން ނިންމައިފި

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށްތުހުމަތު ކުރެވޭތީ އެކަމުގެ ހުރިހާ މައުލޫމާތެއް އެއްކޮށް، ކަމާގުޅޭ މުއައްސަސާތައް ހާޒިރުކުރަން މަޖިލީހުގެ ކ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވުމުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރ ނަސީމްވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިޝްކާގެ މަރާ ގުޅޭ މައުލޫމާތުތައް ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި އެދިފައިވާ ކަމަށެވެ.

އެގޮތުން، މިއަދު މެންދުރުގެ ވަގުތެއްގައި ހެލްތު މިނިސްޓްރީން ޖަވާބެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، އަދި މިހާތަނަށް އެ ޖަވާބު ލިބިފައިނުވާ ކަމަށް ޖީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތުތައް ހޯދައި ހާދިސާ ހިނގައިދިޔަ ގޮތް ސާފުކުރުމުގެ ބޭނުމަކީ އެކަމުގައި ހުރި އިހުމާލުތައް ބަލައި، ނިޒާމުގައި ހުރި ބަލިކަށިކަން ދެނެގަނެ، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.

އެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، އެ ހާދިސާއާގުޅޭ ގިނަ މައުލޫމާތުތަކެއް އަމިއްލަ ހައިސިއްޔަތުން އެއްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، އެ މައުލޫމާތު ކޮމިޓީގެ އެހެން މެމްބަރުންނާ ހިއްސާކުރައްވާނީ ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ލިބުމުން، އެއާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިޝްކާގެ ހާލު ކުއްލިއަކަށް ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލާންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close