ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓް އަމުރެއްގެ ދަށުން މިހާތަނަށް ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެއް ކަމަށެވެ.
އަދި ރަހީނުކުރި ޒުވާނާ އަރުވައިގެން ގެންދިޔަކަމަށް ބެލެވޭ ކާރުވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަހީނު ކުރީ ކުޅުދުއްފުށި/ރަތްފުސްގެ، އަހްމަދު އިބްރާހީމްއެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަހުމަދު އިބްރާހިމް ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާ ކުރުމުން، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަހްމަދު އިބްރާހީމްގެ ބައްޕަ އިބްރާހިމް ހުސައިން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ އޭޑީކޭ ހޮސްޕިޓަލުން އަހްމަދުގެ ބޮލުގެ އޮޕްރޭޝަނެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އިބްރާހިމް ބުންޏެވެ.
މޫނުނިވާކޮށްގެން ތިބިބަޔަކު، އަހުމަދު ރަހީނުކޮށް އަނިޔާކުރީ ކީއްވެގެން ކަމެއް އަދި އޭނާއަށް އަނިޔާކުރީ ކޮން ބައެއްކަމެއް ވެސް އާއިލާއަށް އެނގިފައެއް ނުވެއެވެ. ފުލުހުންވެސް މިކަން ތަފްޞީލުކޮށެއް އަދި ނުދެއެވެ.

