ކުޅިވަރު

ސިޓީ ބަލިކޮށް ދެވަނަ ފަހަރަށް ޗެލްސީން ތަށި އުފުލާލައިފި

ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާރ ސިޓި ބަލިކޮށް ކުލަބު ޗެލްސީއިން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މީގެ ކުރިން ޗެލްސީއިން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2012 ވަނަ އަހަރުއެވެ.

ޕޯޗުގަލުގެ ޕޯޓޯގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ޗެމްޕިއަންސް ލީގު ފައިނަލު މެޗުގައި ޗެލްސީ އިން ޖެހި ހަމަ އެކަނި ގޯލު ޖަހައިދިނީ މެޗުގެ 42 ވަނަ މިނިޓްގައި ކައި ހަވާޓްޒް އެވެ. މިއީ މޭސަން މައުންޓް ހުސްކޮށްލާފައި ދިން މޮޅު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހަވާޓްޒް ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި   އޭނާ ޖެހި ފުރަތަމަ ގޯލުވެސް މެއެވެ. 

ރޭގެ ފައިނަލާއި ހިސާބަށް އައިރު އިނގިރޭސި އެފްއޭ ކަޕްގައި މި ދެޓީމު ބައްދަލުކޮށް ޗެލްސީއިން އެފްއޭކަޕް ހޯދާފައި ވުމުން ރޭގެ ފައިނަލުގައި އޭގެ ބަދަލު ސިޓީއިން ހިފާނެކަމަށް ބެލެވުނު ނަމަވެސް މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީ އަށް މުޅި މެޗުގައި ވެސް ޗެލްސީގެ ޑިފެންސް ފޫއަޅުވާލުމަށް ވަނީ ނުކުޅެދިފއެވެ. ރޭގެ މުޅި މެޗުގައިވެސް ޗެލްސީގެ ޑިފެންސް ލައިން ފެނިގެން ގޮސްފައިވަނީ ވަރަށް އޮގަނައިޒުކޮށް އޮއްވައެވެ.  

ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފިލް ފޯޑަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ފޯޑަން އަށް ހުރަސްއެޅީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ. ދެވަނަ ހާފުގައި ސިޓީން ޗެލްސީގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ނުރައްކާތެރި ބޯޅަ ޗެލްސީގެ ސެޒާ އަޒްޕިކުއެލްޓާ ސާފުކޮށްލިއިރު، އަދި މެޗު ނިމެނިކޮށް ސިޓީގެ ރިޔާދު މަހްރޭޒް ފޮނުވާލި ހަމަލާއެއް ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

ރޭގެ މި ނަތީޖާއާއެކު، ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބު މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ސިޓީން ކުރަމުންދާ އިންތިޒާރު ވަނީ ދިގުވެފަ އެވެ. އަދި ރޭގެ މިނަތީޖާ އާއި އެކުގައި އަންނަ ސީޒަނަށް ސިޓީގެ ސްކޮޑު މިހާރަށްވުރެވެސް ވަރުގަދަ ކުރާނެކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close