ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި
ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން ކުޅުދުއްފުށީ ސިޓީކައުންސިލުން މަނާކޮށްފިއެވެ.
މިކަން މަނާކޮށްފައިވަނީ ކުޅުދުއްފުށީސިޓީކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައެވެ.
މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ފާހަގަކުރަމެވެ. އެއި އުލާންގައި ބަޔާންކޮށްފައިވެއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ވަނީ ފެނިފައިވާތީ އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ވަނީ ނިންމާފައި ކަމުގައި އެ އިޢުލާންގައި ވެއެވެ.
އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ އިޢުލާންގައި ޝުކުރު ދަންނަންނަވާފައިވެއެވެ.


