ޚަބަރު

ވަރަށް ފިނޑި ފިރިހެނެއްނޫނީ އަންހެނުންނަށާއި، ކުޑަކުދިންނަށް އަނިޔާ ނުކުރާނެ – ޢަލީ ރަމީޒް

ވަރަށް ފިނޑި ފިރިހެނެއްނޫނީ އަންހެނުންނަށާއި، ކުޑަކުދިންނަށް އަނިޔާ ނުކުރާނެ ކަމުގައި ދީނީ ދައުވަތު ރާއްޖޭގައި ފެތުރުމުގައި އިސްވެ މަސައްކަތް ކުރައްވަމުން އަންނަ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އަލީގެ މިޓްވީޓް ގައި ވަކި ބޭފުޅަކަށް ރައްދުވާގޮތަށް އެއްޗެއް ވިދާޅުވެފައި ނެތްނަމަވެސް މިފަދަ ޓްވީޓެއް އަލީ ކުރައްވާފައިވާއިރު ރޭ ވަނީރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ގެވެށިއަނިޔާގެ މައްސަލައެއް ފެންމަތިވެފައެވެ.  

އަދި އެމައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގައިދިނުމަށް އީސަ ނިސްބަތްވާ އެމްޑީޕީންވެސް ވަނީ މިއަދު ގޮވާލައިފައެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރާ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވާކަމަށާއި، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.

އަދި މި މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގަވައިދެއްވުމަށް އެޕާޓީން އެދޭކަމަށް އެމްޑީޕީގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ އެމްޑީޕީން އެއްގޮތަކަށް ވެސް ބަލައިގަންނަ ޢަމަލުތަކެއް ނޫންކަމަށެވެ.

އަޙްމަދު ޢީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާއާއި ގުޅިގެން އެކަމުގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، ޕާޓީގެ ޤައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީގެ ގެ ފިޔަވަޅުއަޅާ ކޮމެޓީންވަނީ ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު ޢީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ނިންމިކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އަލީ ރަމީޒް ކުރެއްވި ޓްވީޓް

އީސާގެ އަންހެނުން އަސްރާ މިއަދު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ އޭނާއާއި އޭނާގެ ތުއްތު ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތެއްކަމަށެވެ. އަދި އެއީ ކުރިމަތިވާނެ ކަމަށް ދުވަކުވެސް އޭނާ ހީކޮށްފައިނުވާ ކަންތައްތަކެއްނަމަވެސް މިހާރު އެދެމައިންގެ ޙާލުވެސް ރަގަނޅުކަމަށެވެ.

މިކަމާއި ގުޅިގެން އެތައްބަޔަކުދަނީ މެންބަރު ޢީސައަށް ފާޑުކިއުންތައް އަމާޒުކޮށް، މެންބަރުކަމުން އިސްތިއުފާދެއްވުމަށްވެސް ގޮވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close