ޚަބަރު އޭޑީކޭ ފާޚާނާތެރެއިން ފެނުނުކަމަށްބުނާ ފިސްތޯލެއްގެ ވާހަކަ ފުލުހުން ދޮގެއް ނުކުރައްވާ

އޭޑީކޭ ފާޚާނާތެރެއިން ފެނުނުކަމަށްބުނާ ފިސްތޯލެއްގެ ވާހަކަ ފުލުހުން ދޮގެއް ނުކުރައްވާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އޭޑީކޭގައި އެޑްމިޓްކޮށްފައި އޮންނެވިއިރު އެ ހޮސްޕިޓަލްގެ ފާޚާނާއެއްގެ ތެރެއިން ފިސްތޯލެއް ފެނުނު ކަމަށް ބުނާ މައްސަލަ ފުލުހުން ދޮގެއް ނުކުރެއްވިއެވެ.

މިއަދު ހެނދުނު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ޗެނަލްގެ ނޫސްވެރިޔާ ޝިއުނާ ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބޭނުންކުރި ފިސްތޯލެއް އޭޑީކޭ ހޮސްޕިޓްލްގެ ފާހާނާ ތެރެއިން ފެނުނު ކަމަށްބުނާ މައްސަލައަކާއި ގުޅޭގޮތުން ފުލުހުންނާ ސުވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން ކުރެވުނު ސުވާލަށް ފުލުހުން ސާފު ޖަވާބެއް ދެއްވާފައި ނުވާއިރު އެކަން ދޮގެއްވެސް ނުކުރައްވައެވެ.

ފުލުހުން ވިދާޅުވީ އެކަމާއި ގުޅޭ މަޢުލޫމާތު ޕްރެސް ވަޑައިގެންނެވި އިރު ގެނެވިފައެއް ނެތްކަމަށެވެ. އެހެންވީމާ ފަހުގެ އެހެން ވަގުތެއްގައި ޕޮލިސް މީޑިއާ މެދުވެރިކޮށް އެއާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވެން އޮތް މިންވަރަކަށް ހިއްސާކުރާނެކަމަށްވެސއް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ނޫސްވެރިންގެ ގްރޫޕްގައި މީޑިއާތަކުން ސުވާލުކޮށްފައިވީ ނަމަވެސް، މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ފިސްތޯލެއް ފެނުނުކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފައި ނުވާއިރު، އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް “އަދަދު” ނޫހަށް ވިދާޅުވެފައިވަނީ އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އަށް ގުޅުމަށެވެ. ނަމަވެސް އެމްއެންޑީއެފް އިން މި މައްސަލައިގައި އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

އޮންލައިން ނޫސް “އަދަދު” އިން ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ފާހާނާއެއްގެ ތެރެއިން، އެތަނުގެ މުވައްޒަފަކަށް ފިސްތޯލެއް ފެނުނުކަން އެނޫހަށް “ކަށަވަރު” ކުރެވިފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާ އެތައް ދުވަހަކަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މީގެ ކުރިން ނޫސްތަކުގައި ރިޕޯޓްކޮށްފައި ނެތް އާ ވާހަކައެއް ފުލުހުން ހިއްސާކުރައްވާފައެއް ނުވެއެވެ.

ޓެގް

ރައީސްނަޝީދަށްދިންހަމަލާ ޓެރަރިޒަމް ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.