ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަޒީފާތަކަށް ކުރިމަތިލެވޭގޮތް ހަދައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތި ލެވޭގޮތް ހަދައި ޤާނޫނަށް އިސްލާޙް ގެނެސްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތި ލެވޭގޮތް ހަދާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު: 5/2007) އަށްގެނައި ހަވަނަ އިޞްލާޙުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ އެ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފައެވެ. މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 29 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުޞަތު ލިބޭ ގޮތަށް ނިޒާމެއް ޤާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅައި އެކަންވެސް ވަނީ މި ޤާނޫނުގައި ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close