ހަތިޔާރާ އެކު ސިފައިން މަގުމައްޗަށް ނިކުމެއްޖެ
މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ
އެމްއެންޑީއެފުން ބުނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާ ކަމަށެވެ.
ޓެރަރިސްޓުންގެ މިފަދަ އިތުރު ޙަމަލާތަކެއް އަތުވެދާނެކަމަށް ބަލައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، އެމްބާ އަށް ބަދަލުކޮށްފަ އެވެ.
ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން އައި ދައުލަތުގެ މުހިއްމު އިދާރާތަކުގެ ސެކިއުރިޓީ ވެސް މިވަގުތު ބަލަހައްޓަމުން ގެންދަނީ ހަތިޔާރު އެޅި ސިފައިންނެވެ.
ރައީސް ނަޝީދުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާއިރު، މިކަމުގެ އަޑީގައި ތިބިބަޔަކު ހިފައި ހައްޔަރު ކުރާނެކަމަށް ރައީސް ސޯލިޙް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ހަމަލާދިންތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު އަދި އިތުރު މީހަކު ހައްޔަރު ކުރިކަމެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
