ރައީސްނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއްކުރަނީ ޖަރުމަނު ސަރުކާރުން – މަޖްލިސް
ރައީސްނަޝީދުގެ ބޭސްފަރުވާގެ އެންމެހައި ކަންކަމާއި، ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުންކަމުގައި ރައްޔިތުންގެ މަޖްލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖްލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، 06 މޭ 2021 ވަނަ ދުވަހުގެރޭ ދިންޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް މިއަދު ހެނދުނު ފުރާވަޑައިގެންފިކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތަށް ފުރާވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައިކަމަށާއި، އަދި ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށްކަމަށްވެސް ބަޔާނުގައި ވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ފިނޑި ޓެރަރިސްޓް ހަމަލާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހަރުކަށި ޢިބާރާތުން އަދިވެސް އެއްފަހަރު ކުށްވެރިކުރާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށާއި ހަމަލާގައި އަނިޔާވި ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށާއި ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާވެސް ކުރައްވާފައި އެބަޔާނުގައި ވެއެވެ.



