ޚަބަރު

އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ނަޝީދު ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެއާ އެމްބިއުލެންސެއްގަ އެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުން އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ގަޑީގެ މާ ކުރިން ސިފައިންނާއި ފުލުހުން ވަނީ މާލެތެރެ ބެލެހެއްޓުން ވަރުގަދަކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ވަކިން ޚާއްޞަކޮށް އޭޑީކޭ ކައިރި އޮތީ ސެކިއުރިޓީ ވެހިކަލްތަކުން ފުރާލައިފަ އެވެ. ނޫސްވެރިންނަށްވެސް އެހިސާބަށް ކައިރިވެވޭގޮތެއް ނުވެއެވެ.

އެމަނިކުފާނު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ، މާލޭގެ މަގުތައް ބަންދުކުރުމުގެ އިތުރުން ބްރިޖް ސަރަހައްދާއި ހުޅުލޭގެ ސެކިއުރިޓީ ވެސް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. ހަތިޔާރާ އެކު ސިފައިން ދިޔައީ އެކި މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. އެސްއޯ ފުލުހުން ދިޔައީ މަގުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ގިނަބަޔަކު ޤަބޫލުކުރާގޮތުގައި މިފަހަކަށް އައިސް ރާއްޖޭގެ އިސްވެރިއަކަށް މި ފެންވަރުގެ ސެކިއުރިޓީ އެއް ދީފައެއް ނުވެއެވެ.

އާއިލާ އާއި ޙަވަލާދީ ބައެއް ނޫސްތަކުން ބުނިގޮތުގައި، ފަރުވާއަށް ބޭރަށް ވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ޒަހަމްތަކުން ފަސޭހަވުމަށެވެ. މިކޮޅުގައި ނަޝީދަށް ފަރުވާ ކުރެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައި ކަމަށްވެސް ރިޕޯޓްތަކުގައި ވެއެވެ.

އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދަށް ދެވުނު އެ ޙަމަލާއަކީ އަދި މިހާތަނަށް މިފަދަ ގޮތަކަށް ރާއްޖޭގައި ދެވިފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ހަމަލާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close