ކުޅިވަރު

ޔުނައިޓެޑް ބަލިވުމާއިއެކު ސިޓީއަށް ލީގު ޗެމްޕިއަންކަން

ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވުމުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ލިބިއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅެވުނު އެ މެޗުން އެ ޓީމު ބަލިވީ 2-1 ންނެވެ. މި ނަތީޖާއާއެކު ލީގު ޗެމްޕިއަންކަން މެންޗެސްޓާރ ސިޓީއަށް ލިބުނީ އެ ޓީމަށް ބާކީ ތިން މެޗު އޮއްވައެވެ. މި ތިން މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ސިޓީއާއި އެއްވެސް ޓީމަކަށް އަރާ ހަމައެއް ނުކުރެވޭނެ އެވެ.

ސިޓީ އަށް ޗެމްޕިއަންކަން ލިބުނީ 35 މެޗުން 80 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް 35 މެޗުން ލިބުނީ 70 ޕޮއިންޓެވެ. އަދި ބާކީ ތިން މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް އެ ޓީމަށް ސިޓީއާ ހަމަނުކުރެވޭނެ އެވެ. ލެސްޓަރ އިން ރޭގައި މިހޯދި މޮޅާއިއެކު  އެޓީމު ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 36 މެޗުން 66 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. މިރޭ އާސެނަލް ބަލިކޮށްގެން ޗެލްސީ އަށް އަލުން ތިން ވަނަ އަށް އެރޭނެ އެވެ.

ރޭގެ މެޗުފަށައިގެން  މެޗުގެ 10 ވަނަ މިނެޓުގައި ލެސްޓަރ އިންވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ތޯމަސްއެވެ. އެކަމަކު އޭގެ 5 މިނިޓްފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 66ވަނަ މިނެޓުގައި ޗާލާ ސޮޔުންޖޫއެވެ.

މިއީ ފާއިތުވި 4 އަހަރު ތެރޭގައި މެންޗެސްޓާރ ސިޓީ އިން ލީގުގެ ތަށި އުފުލާލި  3 ވަނަ ފަހަރެވެ. އަދި ފާއިތުވި 10 އަހަރު ތެރޭ ލީގުގެ ޗެމްޕިއަންކަން ހޯދި 5 ވަނަ ފަހަރުވެސް މެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close