ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރުކޮށްފި
މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާގައި ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރުކޮށްފިއެވެ.
ސަންއޮންލައިން ގައި ރިޕޯޓްކޮށްފައިވާގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލް ހުންނަ ސަރަހައްދުގައި ހުރި ފްލެޓް 95 ޖީ 2 އިން ނެވެ.
ފުލުހުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ތިންވަނަ މީހަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
މިއީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭރު ހުރި މީހެކެވެ. އަތަމާ ޕެލެސްގެ ސީސީޓީޖީ ފުޓޭޖާއި ބާ އިންޖީނުގޭ ހުންނަ މަގުގައި ހުންނަ ސިސީޓީޖީ ފުޓޭޖަކަށް އޭނާގެ މަންޒަރުތައް އަރާފައި ހުރިކަމަށް މައުލޫމަތު ލިބެއެވެ.
މި ގޮތުން ބޮން ގޮއްވާލި އިރު އޭނާ ހުރީ އަތަމާ ޕެލެސް ކައިރީގައެވެ. އޭނާގެ އަތުގައި ރިމޯޓެއް ޒާތެއްގެ އެއްޗެއް އޮވެއެވެ. ބޮން ގޮވައި ފަހުން ދުވެފައިދެއެވެ. ބާ އިންޖީނުގޭ ހުންނަ މަގުން ދުވެފައި ދާއިރު، އޭނާގެ އަތުގައި އިންނަ ރިމޯޓު ޒާތުގެ އެތި ވަކި ހިސާބަކުން އެއްލާލައި މަންޒަރު އެ ފުޓޭޖުން ފެންނަ ކަމަށްވެއެވެ.
ފުލުހުން އިއްޔެ ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތުގެ ސީސީޓީވީ ފުޓޭޖާއި މި މީހާގެ ފޮޓޯތައް އާންމުކޮށްފައެވެ. ސީސީޓީވީ ފްޓޭޖަށް އޭނާގެ މަންޒަރުތައް އަރާފައި ހުރިއިރު، އޭނާ ހުރީ މާސްކް އަޅައިގެނެވެ.
މި ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުން އިއްޔެ ވަނީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އަނިޔާ ތަކުގެ ތަފްސީލް ހާމަކޮށްފަ އެވެ.

