ދައުރުވާ ފުޓޭޖްތަކުން ފެންނަނީ 5 މެއި، ހަމަލާދިނީ 6 މެއިގައި
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ އަކީ މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހުންގެ ތެރެއިން އެކަކުކަން ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް ދައުރުވަމުން އަންނަ ސީސީޓީވީ ވީޑިއޯގެ ސްކްރީން ޝޮޓްތަކުގައި ހުރި ޑޭޓް ތަކުން ފެންނަގޮތުގައި އެއީ އޭގެ އެއްދުވަސްކުރިން 5 މެއި ގައި ނަގާފައިވާ ފުޓޭޖް ތަކެކެވެ. ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މެއި 6 ވީ ބުރާސްފަތި ދުވަހުގެރޭ 8:30 ހާއިރު ކަމަށްވާއިރު މިފުޓޭޖް ތަކާމެދު ޝައްކު އުފެއްދުމުގެ ފުރުޞަތު އެބައޮތެވެ.
އެ ފުޓޭޖް ތަކުގެ ސައްޙަކަމާމެދު ބައެއް ނޫސްތަކަށް ކަށަވަރު ވެފައިވީނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރު ކޮށެއް އަދި ނުދެއެވެ. ފުލުހުންވެސް ވިދާޅުވީ 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އެމީހުން ހިފާހައްޔަރުކުރުމުގެ މަސައްކަތްކުރަމުން ދާކަމަށެވެ.
ސީސީޓީވީ ފުޓޭޖް ތަކުން އެފެންނަ މީހާ އަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކުކަމަށާއި، އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ފުލުހުން ވަނީ އެމީހާ ދުވެފައި ދިޔަ ބައެއް މަގުތައް ވެސް ދެނެގެންފައި ކަމަށާއި، އޭނާ ދުވެފައި ދިޔަ ބައެއް މަގުތަކުގައި ހުރި ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން މިހާރު ވަނީ އެއްކޮށްފައިކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.
ނަމަވެސް ފުލުހުން މިކަމާއި ގުޅިގެން ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސް ނަޝީދަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެއްވަމުންނެވެ. އޭޑީކޭ އިން ކުރި އިތުރު ޓްވީޓެއްގައި ބުނީ ރައީސް ނަޝީދަށް ފަރުވާ ދެއްވަމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެ ހޮސްޕިޓަލް އިން ބުނީ ރައީސް ނަޝީދުގެ އޮޕަރޭޝަންތައް ކާމިޔާބު ނަމަވެސް އެމަނިކުފާނު އަދިވެސް ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނުގެ ބަނޑަށާއި މެއަށާއި އަރިކަށްޓަށް ވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭޑީކޭ އިން ބުނެއެވެ.

