ފިޝަރީޒްމިނިސްޓްރީއަށް ޑރ.ހުސެއިން، އެންވަޔަރަމަންޓް މިނިސްޓްރީއަށް ޝައުނާ އައްޔަން ކުރައްވައިފި
ސަރުކާރުގެ ކެބިނެޓަށް ރައީސް ބަދަލުގެންނަވައި ފިޝަރީޒް މިނިސްޓަރުކަމަށް ޑރ ހުސެއިން ރަޝީދު އައްޔަންކުރައްވާ އެންވަޔަރަމެންޓް މިނިސްޓްރީއަށް އައިމިނަތު ޝައުނާ އައްޔަންކުރައްވައިފިއެވެ.
ޑރ ހުސެއިން މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަގާމުގައެވެ. އަދި ޝައުނާ މިހާތަނަށް ހުންނެވި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. އެ މަޤާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަޤާމެކެވެ.
ސަރުކާރުންގެ ހިންގުމަށް މި ގެންނެވި ބަދަލާއި އެކު ކުރިން ހިގަމުން އައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިވަނީ އުވާލާފައެވެ. އެ މިނިސްޓްރީގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާ އެންވަރަމެންޓް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީއަށް ބަދަލުކުރައްވާފައެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލެއްވުމުން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް ކުރައްވަނީ އަލަށް އުފެއްދެވި މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ޑރ ހުސެއިންނާއި ޝައުނާ ހުވާކުރައްވާ މަޤާމުގެ ފަތްކޮޅު އެރުއްވީ މިއަދުު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފިޝަރީޒް މިނިސްޓަރަކަށް ޑރ.ޙުސައިން އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަޤާމުގައި އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި ޒަހާ ވަޙީދު މަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް އެނާ އެ މަޤާމުން ވަކިކުރީ މިއަހަރުގެ މާރިޗު 1 ވަނަދުވަހުއެވެ. މަލީހު ޖަމާލު އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބަދަލު މި ގެންނެވީ ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ހިދުމަތްތައް އިތިރަށް ރަނގަޅުކުރެއްވުމާއި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށްކަމަށެވެ.
ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ސަރުކާރުން ގެންނަވާފައި މިވަނީ މިދޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަށްފަހުއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.



