ސިޓީއިން ލީގުހޯދުމާއި ފިޔަވަޅަކާއި ގާތަށް ޖެހިލައިފި
ހަތަރު އަހަރުތެރޭ 3 ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާރލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް މެންޗެސްޓާރ ސިޓީ ޖެހިލައިފިއެވެ.
ޕްރިމިއާރލީގުގައި ރޭކުޅެވުނު މެޗުތަކަށްފަހު ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 34 މެޗުން 80 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ ސިޓީ އަށް ބާކީ ހަތަރު މެޗު އޮއްވައި ލީގު ކަށަވަރުކުރެވޭނެ އެވެ. މިރޭ ޔުނައިޓެޑް މޮޅުވެއްޖެ ނަމަ ސިޓީން ލީގު ހޯދަން ޖެހޭނީ އަންނަ ހަފްތާގައި ޗެލްސީ ބަލިކުރާށެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ ލީގުގެއްލުމުގެ ރަނގަޅު ބަދަލުހިފުމެކެވެ. އެހެނީ މިދިޔައަހަރުގެ ލީގު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީވެސް ކުރިއަށް މެޗުތަކެއް އޮއްވައެވެ.
ސިޓީއިން ކްލިސްޓަލް ޕެލެސް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުންނެވެ. އެމެޗުގައި ސިޓީއިން ޖެހި 2 ގޯލުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގައެވެ. މިގޮތުން ބެންޖަމިން މެންޑީ ދިން ބޯޅައަކުން މެޗުގެ 57 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ އަގުއޭރޯ އެވެ. އަދި އޭގެ 1 މިނިޓްފަހުން ސިޓީގެ 2 ވަނަ ގޯލުޖަހާފައިވަނީ ފެރާން ޓޮރޭޒްއެވެ.
މި ލީގުގައި މިރޭ 20.30 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓޭޑާއި މިފަހަރުގެ ލީގުގެ ގަދަ 4 އަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ މިދިޔަ ލީގުގެ ޗެމްޕިއަން ލިވަޕޫލެވެ.

