ކުރީގެ މިނިސްޓަރ މަލީހުގެ މައްޗަށް ދައުވާ ކުރަން ފޮނުވަން މަޖިލީހުގެ ކޮމިޓީން ނިންމައިފި
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން މަޖިލީހުގެ ސުލޫކު ކޮމިޓީއިން ނިންމައިފިއެވެ.
މަލީހުގެ މައްޗަށް ދައުވާކުރަން ފޮނުވަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ، މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައިފައެވެ.
މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒު ކޮމިޓީން މަލީހްގެ މައްސަލައެއް ބަލައިދިނުމަށް އެންގެވީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރައްވައި ވާހަކަ ދެއްކެވުމުންނެވެ. މަޖިލީހުގެ މެންބަރުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ.
މި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ސުލޫކު ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ކޮމިޓީއަށް މަލީހް ހާޒިރުކޮށް އޭނާއާ ކޮމިޓީގެ މެންބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދީފައިނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަލީހްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފަހުން އޭނާ ވަނީ ޖޭޕީ ދޫކުރައްވައި ވަޑައިގެންފައެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ބޭއްވި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދަކީ މަލީހްއާއި ދެބެއިންގެ ދެދަރި ބޭފުޅެކެވެ.


