މިލަދުއަށް ނިސްބަތްވާ 4 މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ހުކުމްކޮށްފި
ނ.މިލަދުއަށް ނިސްބަތްވާ 4 މީހަކު އެމީހުން އަދާކުރަމުން ގެންދިޔަ ސިވިލް ސަރވިސް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމާއި، މުސްކުޅިކުރެއްވުމާއި، އަދިވެސް ވަޒީފާއާއި ބެހޭގޮތުން ހެދިފައިހުރި މިބާވަތުގެ އެންމެހައި ޤަވާއިދު ތަކާއި ޤާނޫނު ތަކާއި ޚިލާފަށް ކަމަށް ނިންމައި ހުކުމް ކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވާ މިލަދޫ 4 މީހުންގެ ތެރެއިން އަޙްމަދު ޙަސަން އަތަމާގެ ނ.މިލަދޫ އަކީ ފެނަކަ މިލަދޫ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒިފާގައި ހުރިމީހެކެވެ. އެވަޒީފާގައި އޭނާ ހުއްޓައި 2019 އެޕްރީލް 17 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޢުމުރުން 55 އަހަރުވެގެން ވަޒީފާއިން ރިޓަޔަރ ކުރެއްވިކަމަށް ބުނެއެވެ. އެހެންނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމާއެކު އެމައްސަލަ ވަނީ ވަޒީފާއާއި ބެހޭ ޓްރަބިއުނަލް އަށް ހުށަހަޅާފައެވެ. އެމައްސަލަ ޓްރަބިއުނަލް ބެއްލެވުމަށްފަހު ޙުކުމް ކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 9 ދުވަހުއެވެ. އެޙުކުމްގައި ބުނެފައިވަނީ އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި، ޤަވާއިދުތަކާ ޚިލާފަށް ކަމަށާއި، އޭނަގެ ވަޒީފާ އަނބުރާ އިޢާދަ ކޮށްދިނުމަށާއި، ޓްރަބިއުނަލްއިން މައްސަލަ ނިންމި ހިސާބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާއަށް ދިނުމަށް ފެނަކައަށް ލާޒިމްކޮށްފައެވެ.
2019 އެޕްރީލް 17 ގައ ވަޒީފާއިން ވަކިކުރި އަނެއް ފަރާތަކީ ފެނަކަ މިލަދޫ ބްރާންޗްގައި ސްޕަވައިޒަރެއްގެ މަޤާމްގައި ހުރި އެރަށު ކަޝްމީރުވާދީ މުޙައްމަދު އަބޫބަކުރެވެ. އޭނާވެސް ވަޒީފާއިން ވަކިކޮށްފައިވަނީ ޢުމުރުން 55 އަހަރުވެގެން ވަޒީފާއިން ރިޓަޔަރ ކުރެއްވިކަމަށް ބުނެއެވެ. އެހެންނަމަވެސް މުޙައްމަދު އަބޫބަކުރަށް އެއްވެސް އެނގުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ އެމައްސަލަވެސް ވަޒީފާއާއި ބެހޭ ޓްރަބިއުނަލް ހުށަހެޅިއެވެ. މި މައްސަލަވެސް ޓްރަބިއުނަލް އިން ބެލުމަށްފަހު މިދިޔަމަހުގެ 9 ގައި ހުކުމް ކޮށްފައިވަނީ މުޙައްމަދު އަބޫބަކުރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި، ޤަވާއިދުތަކާ ޚިލާފަށް ކަމަށާއި، އޭނަގެ ވަޒީފާ އަނބުރާ އިޢާދަ ކޮށްދިނުމަށާއި، ޓްރަބިއުނަލްއިން މައްސަލަ ނިންމި ހިސާބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާއަށް ދިނުމަށް ފެނަކައަށް ލާޒިމްކޮށްފައެވެ.
މިލަދޫން ވަޒީފާއިން ވަކިކުރި ތިންވަނަ މީހަކީ އެރަށު ބަހާރުގެ މުޙައްމަދު ޢަލީ އެވެ. މުޙައްމަދު ޢަލީ ހުންނެވި ފެނަކަ މިލަދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމްގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ކުންފުންޏަށް ގަސްތުގައި ގެއްލުންދީފާނެކަމުގެ ބިރު އޮތުމުން ކަމަށް އޭނާއަށް ވަނީއަންގާފައެވެ. އެހެންކަމުން އެމައްސަލަވެސް ޓްރަބިއުނަލްއަށް އޭނާވަނީ ހުށަހަޅާފައެވެ. މިދިޔަ މާޗްމަހުގެ 18 ވަނަ ދުވަހު މިމައްސަލަވެސް ނިންމާ ހުކުމް ކޮށްފައިވަނީ އޭނަގެ ވަޒީފާ އިޢާދަކޮށްދިނުމަށާއި، މައްސަލަ ނިންމިދުވަހާހިސާބަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ފެނަކައަށް ލާޒިމްކޮށްފައެވެ.
ހަތަރުވަނަ ފަރާތެއްގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ 2013 ވަނައަހަރު މިލަދޫ ޕްރީސްކޫލްގެ ޓީޗަރެއްގެ މަޤާމްގައި ހުރި އާމިނަތު އަރޫޝާ އެވެ. އަރޫޝާ ވަޒީފާއިން ވަކިކުރުމުން އެމައްސަލަ ވަޒީފާއާއި ބެހޭ ޓްރަބިއުނަލް އަށް ހުށަހެޅުމުން ޓްރަބިއުނަލްއިން އެ މައްސަލަވެސް ނިންމީ އަރޫޝާވެސް ވަޒިފާއިން ވަކިކުރަންޖެހޭ އެއްވެސް ހަމައެއް ނެތްކަމަށެވެ. އަދި އެވަޒީފާ އޭނައަށް އަނބުރާ ދިނުމަށް ނުވަތަ އެފެންވަރުގެ އެހެން ވަޒީފާއެއް އެދާއިރާއިން އޭނައަށް ދިނުމަށް ކައުންސިލްގެ މައްޗަށް އަމުރުކުރިއެވެ.
އެހެންނަމަވެސް އޭރުއޮތް ކައުންސިލުން ހައިކޯޓްގައި އެމައްސަލަ އިސްތިއުނާފްކުރުމުން ހައިކޯޓުން އެމަސައްލަ ނިންމީ އަރޫޝާއާއި ދެކޮޅަށެވެ. އެހެންކަމުން އަރޫޝާގެ ފަރާތުން އެމައްސަލަ ސްޕްރީމް ކޯޓްގައި އިންސްތިއުނާފް ކުރުމުން މައްސަލަ ހުށަހެޅިތާ 7 އަހަރު ފަހުން މިއަދު ސްޕްރީމް ކޯޓުން ހުކުމް ކުރީ ހައިކޯޓުން ކުރި ހުކުމް ބާތިލް ކަމަށާއި، ޓްރައިބިއުނަލް އިން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އަދި އޭނާގެ ވަޒީފާ ނުވަތަ އެދާއިރާއިން އެފެންވަރުގެ އެހެންވަޒީފާއަކާއި، އޭނާއަށް ޙައްޤުވާ މުސާރައާއި އެންމެހައި އިނާޔަތްތައް އަނބުރާ ހޯދައިދިނުމަށް މިލަދޫ ކައުންސިލްގެ މައްޗަށް އަމުރުކުރާކަމަށެވެ.
ޤާނޫނާއި، ޤަވާއިދުތަކާއި ޚިލާފަށް މިލަދޫން ވަޒީފާއިން ވަކިކުރި 4 ފަރާތްވެސް ނިސްބަތްވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޕީއެމް އަށެވެ.
މި މައްސަލަތަކުގެ ތެރެއިން މުޙައްމަދު ޢަލީ ގެ މައްސަލަ ފިޔަވައި އެހެންމައްސަލަތަކުގައި ޤާނޫނީ ވަކީލަކަށް އުޅުއްވި އަލްއުސްތާޛް ޢަބުދުއް ސައްތާރު މުޙައްމަދު (ލޯޔަރު ސަޓޯ) ނާރެސްމީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއިން އެއްވެސް މީހަކަށް އަދިމިހާތަނަށް ހުކުމުގައި ބުނެފައިވާ ގޮތަށް ޢަމަލުކޮށްފައި ނުވާކަމަށެވެ. ވަޒިފާވެސް އަދި އެމީހުންގެ މުސާރަވެސް ނުދޭކަމަށެވެ. އެހެންކަމުން އެ ހުކުމްތަކާ އެއްގޮތަށް ކައުންސިލުންނާއި، ފެނަކައިން ޢަމަލުކޮށްފައި ނުވާތީ އެމައްސަލަތައް ވަރަށް އަވަހަށް ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.


