ބިއްލޫރި ޕެލެޓް އެކްސިޑެންޓްގައި ތާށިވެ ޒަޚަމްވި ޒުވާނާ ނިޔާވެއްޖެ
އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓް އެކްސިޑެންޓްގައި ތާށިވެ ޒަޚަމްވި ޒުވާނާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މިޙާދިސާގައި ނިޔާވެފައިވަނީ ނ. ލަންދޫއަށް އުފަން 27 އަހަރުގެ އަބްދުﷲ އާސިމް އެވެ. އެޒުވާނާ ނިޔާވީ ރޭ ފަތިހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
އެމްޕީއެލް ސަރަހައްދުގައި ބިއްލޫރިތަކެއް ބަރުކުރަމުން ދަނިކޮށް، ޕެލެޓެއް ވެއްޓި ކޮންޓެއިނަރެއްގެ ތެރޭގައި ތާށިވި ޒުވާނާ ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހިންގި ހާއްސަ އޮޕްރޭޝަނެއްގައެވެ.
މި ހާދިސާގައި ނިޔާވި ޢާސިމްގެ އިތުރުން އިތުރު މީހަކަށްވެސް ވަނީ އަނިޔާލިބިފައިވެއެވެ. އެހެން ނަމަވެސް ފަރުވާ ދިނުމަށްފަހު އެމީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
އެމްޕީއެލްއިން މީގެކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައިއެވެ.
ނިޔާވި ޢާސިމްގެ ކަށުނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހުގައި އާސަހަރާ މިސްކިތް (މަސްޖިދުއް ތަޢާވުނު) ގައެވެ.
