މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި
ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން މަގުތަކުގައި ހޮޅި ވަލުމުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ހޮޅިވަލުމުގެ މަސައްކަތް މިއަދު އެރަށުގައި ފަށާފައިވާއިރު އެމްޑަބްލިއު އެސްއީ އިން ބުނީ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 25 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ޓަނުގެ 3 ތާންގީ ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 1 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލިޑިންގް އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ.
އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަށް ޖުމްލަ 42,975,350.00 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

