ކޮލަމްދީން

“ގަރލްފްރެންޑް” އާއި “ބޯއީފްރެންޑް”

މައިން ބަފައިން ގިނަފަހަރަށް ދަރިން ގެއިން ބޭރަށް ފޮނުވަނީ އިތުބާރުކޮށްފައެވެ. ގޯސް ކަމެއް ނުކުރާނެ ކަމަށް އުންމީދުކޮށް އިތުބާރާއި އެކުއެވެ. ނަމަވެސް އަޅުގަނޑުގެ ވަނީ ދެތިން ސުވާލެކެވެ.

ތިބާގެ ފިރިހެން ދަރިފުޅު ގެއިން ބޭރަށް ދަނީ އޭނާ ހިތާވެގެން ރައްޓެހި ވެގެން އުޅޭ އަންހެން ކުއްޖާއާއި އެކު ހެއްޔެވެ؟ ނުވަތަ ރަޙްމަތްތެރި ކުދިންނާއި އެކު ދެޖިންސުގެ ކުދިން މަސްހުނި ވާގޮތަށް ހެއްޔެވެ؟  

ތިބާގެ އަންހެން ދަރިފުޅު ގެއިން ބޭރަށް ދަނީ އޭނާ ހިތާވެގެން ރައްޓެހި ވެގެން އުޅޭ ފިރިހެން ކުއްޖާއާއި އެކުހެއްޔެވެ؟ ނުވަތަ އެކުވެރި ރަހްމަތްތެރި އަންހެން ފިރިހެން ކުދިންނާއި އެކު ހެއްޔެވެ؟

ލޮބުވެތި މައިންބަފައިންނެވެ. ތިބާއިންގެ ދަރިން ހެޔޮލަފާ ޢިއްފަތްތެރި ބަޔަކު ކަމުގައި ވުމަށް އެދެމުހެއްޔެވެ؟ ނުބައި ފާޙީޝް ފާޖިރު ކަންކަމުން ދުރުހެލިވާ ބަޔަކަށް ހަދަންބޭނުންތޯއެވެ؟ އެހެންކަމަށް ވާނަމަ ދަންނަވަންތޯއެވެ؟ ފިރިހެން ދަރިން ޢިއްފަތްތެރި ބަޔަކަށް ހަދަން ބޭނުން ނަމަ ޢިއްފަތް ތެރިވުމުގެ މަގު ހުޅުވާލަދޭށެވެ. ޢިއްފަތްތެރި ވުމުގެ މަގުބުނެދޭށެވެ.

ރައްޓެހި ރަޙްމަތްތެރި ކުދިންނާއި އެކު ބޭރަށް ދިއުމަކުން ގޯހެއް އޮތީކީއެއް ނޫނެވެ. ގެއިންބޭރުގައި ވަގުތު ހޭދަކުރަނީ ކޮން ބަޔަކާއި އެކުތޯ ބަލާށެވެ. ފިރިހެން ކުދިންނާއި އެކު ބޭރަށް ދާނަމަ، އެކުދިންނަކީ ހެޔޮލަފާ ކުދިންތޯ ބަލާށެވެ. އަންހެން ފިރިހެން އެކުވާ “ގެދަރިންގސް” ތަކަށް ފޮނުވުމަށް ދެކޮޅުހަދާށެވެ. ދަރިން ހިތްހަމަ ނުޖެހުނަސް މަނާ ކުރާށެވެ. ސަބަބު ބުނެދޭށެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން އެކުވާ ޖަމާޢަތް ތަކުން ނުކުންނާނެ ނުރަނގަޅު ނަތީޖާ ބުނެދޭށެވެ.

ތިބާގެ ފިރިހެން ދަރިފުޅު ޢުމުރުން ތޭރަ ސާދަ އަހަރުގައި ކައިވެނި ކުރަން ތިބާ ރުހޭނަމުތޯއެވެ؟ ނުރުހޭނަމަ އެހާ ޅަޢުމުރުގައި އަންހެން ކުދިންނާއި ރައްޓެހިވާން ތިބާއަށް ރުހެވެނީ ކީއްވެތޯއެވެ؟ އެކަންކަން ތިބާއަށް ރަނގަޅު ރިވެތި ކަންކަމަށް ވީ ކީއްވެތޯއެވެ؟

ދަރިންނަށް އިތުބާރުކުރަން ޖެހެއެވެ. ތިބާ ތިބާގެ ދަރިން ތަރުބިއްޔަތުވެސް ކުރާނީ ތިބާއަށްވީ އެންމެ ރަނގަޅަކަށެވެ. އެންމެފުރިހަމަ އަކަށެވެ. އެންމެ ހެޔޮމަގަށެވެ. ނަމަވެސް ދަންނަން ވީކަމަކީ އަދުގެ މުޖްތަމަޢުގެ ޙާލަތެވެ. ފާޙިޝް ކަންކަމަށް އަރަނުގަތުމަށް، ޒިނޭ ނުކުރުމަށް އެބަބުނެދެވެއެވެ. ރޭޕް ނުކުރާށޭ އެބަބުނެވެއެވެ. ނަމަވެސް ބަންދު ނުކުރެވެނީ އެފަދަ ކަންކަމަށް ހުޅުވައިލެވޭ ދޮރުތަކެވެ.

ތިބާގެ އަންހެން ދަރިފުޅު ރޭޕްގެ ޝިކާރައަކަށް ވާން ތިބާ ނުރުހެމުތޯއެވެ؟ އެހެން ނަމަ ތިބާ އެމަގުތަށް ބަންދު ކުރުމަށް އަވަސްވެގަންނާށެވެ. ތިބާގެ ދަރިފުޅު ތަރުބިއްޔަތު ވެފައި ހުރީ ރަނގަޅު ހެޔޮ ގޮތުގައި ކަމަށް ވިޔަސް ތިބާގެ ދަރިފުޅު އިޚްތިޔާރު ކުރާ “ބޯއީފްރެންޑް” އަކީ ކޮންކަހަލަ ކުއްޖެއްކަމެއް ނޭގޭނެއެވެ.

މައިންބަފައިނެވެ. ދަރިންނާއި މެދު އަހަރެމެން ރައްކާތެރިވާން ޖެހެއެވެ. އަންހެން ދަރިފުޅަށާއި އޭނާއަށް ތިބާ ދީފައިވާ ތަރުބިއްޔަތަށް އިތުބާރުކޮށް އެދަރިފުޅު ބޭރަށް ފޮނުވާއިރު އެދަރިފުޅާއި އެކު އެދާ ބައިވެރިޔާ އަކީ އެދަރިފުޅުގެ “ރޭޕިސްޓަށް” ނުވާނެ ކަމުގެ ތިބާގެ އޮތީ ކޮން ގެރެންޓީއެއްތޯއެވެ؟

ފިރިހެން ދަރިފުޅު އޭނާ ރައްޓެހިވެގެން އުޅޭ “ގަރލްފްރެންޑް” އާއި އެކު އެކަނިވާން ދޫކޮށްލާއިރު ތިބާ އޭނާ އަށް ދީފައިވާ ނަޞޭހަތް އެދަރިފުޅު ހަނދާނުގައި ހުރެދާނެއެވެ. ނަމަވެސް އެދެކުދިންގެ ދެމެދުގައި ވާ ތިންވަނަ މީހަކަށް ޝައިޠާނާ ނުވާނެ ކަމުގެ ތިބާގެ އޮތީ ކޮން ގެރެންޓީއެއްތޯއެވެ. ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްފުޅު ހަނދުމަ ބަހައްޓާށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ “ހިލޭ އަންހެނަކާއި ފިރިހެނަކަށް މަޙްރަމަކާއި ނުލައި ތަނެއްގައި އެކަހެރިވުން، އެތަނުގައި ތިންވަނަ މީހަކަށް ޝައިޠާނާ ނުވާ ޙާލު ނުވެއެވެ.” މާނައަކީ ތިންވަނަ މީހަކަށް ޝައިޠާނާ ވާނެއެވެ.

އެދެމީހެއްގެ ދެމެދުގައި ޝައިޠާނާ ވި ދެމީހަކު އޭނާގެ ވަސްވާހަށް ހެއްލިގެން ދާނެ ވަރު ތިބާ ވިސްނަވާށެވެ. ރަޙްމަތް ތެރި ކުދިންނާއި ގުޅުން ބޭއްވުމަކުން ގޯހީކީ އެއްނޫނެވެ. ނަމަވެސް ވިސްނަންވީ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ރަޙްމަތްތެރި ކަމަށެވެ. ދެޖިންސު މަސްހުނިވާ “ގެދަރިންގސް” ތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާ ތަކަށް ވިސްނައި އެކަން ކަމަށް ހުޝިޔާރުވާން ޖެހެއެވެ.

އަހަރެމެންނަކީ އަހަރެމެންގެ ދަރިންނާއި މެދު ރައްކާތެރިވާ ބަޔަކަށް ވާން ޖެހެނީ ހަމައެކަނި އެކުދިން ނުރުހުމުގައި ޖިންސީ އަނިޔާ ތަކެއް ލިބިދާނެތީއެއް ނޫނެވެ. އެކުދިން ރުހިމުގައި ހޯދައި، ޙާސިލް ކުރާ ހުއްދަ ނޫން ޝަހުވަތުގެ އެދުން ތަކުންވެސް އެކުދިން ރައްކާތެރިކޮށް ދުރުކުރަން ޖެހެއެވެ. އެހެނީ ހެޔޮލަފާ ޞާލިޙް ބައެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްޢޫލިއްޔަތެކެވެ. އެއީ އަހަރެމެންނާއި ހަވާލުކުރެވިފައިވާ އަމާނާތެކެވެ. އަންހެން ދަރިފުޅަށް އެންމެ ތުއްތުއިރުއްސުރެ ޢިއްފަތްތެރިވާން ދަސްކޮށްދޭށެވެ. ހެދުން އެޅުމުގައި ރަނގަޅަށް ނިވާވާން ދަސްކޮށްދީ ބުނެދޭށެވެ. ތިބާގެ ފިރިހެން ދަރިފުޅަށް އޭނާގެ ބެލުން ތިރިކުރުމަށް ބުނެދޭށެވެ. ހުއްދަނޫން ގުޅުންތަކުން ދުރުހެލިވެ ތިބުމަށް ދަރިންނަށް ބާރުއަޅާށެވެ. އެކަންކަން ކުރަނީނަމަ ހުއްޓުވާށެވެ. ރަނގަޅު ޖީލެއް ބިނާވާނީ އޭރުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close