އަދީބު ނިދިކުރައްވަން ބޭނުންކުރާ މެޝިނަކީ ޖަލުގައި ބޭނުންކުރެވޭ މެޝިނެއް ނޫން – ހޯމް މިނިސްޓަރ
ބޮޑު ހިޔާނާތުގެ މައްސަލައިގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނިދުމުގައި ވަކި ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭ ކަމަށާއި އެ މެޝިނަކީ ޖަލުގައި ބޭނުން ކުރެވޭ މެޝިނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި އަދީބު ގޭގައި ހުރުމަށް ފުރުސަތު ދެއްވާފައިވަނީ ކޮން އުސޫލަކުންތޯ އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަ ކަމަށާއި ފުއްޕާމެއާ ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާ ކަމަށެވެ.
“މީގެ ކުރީ ފަހަރެއްގަ ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް ވެއްޓި ނިތްކުރި މަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރި. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. އެ މެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވެ ގޭގަ އެމެޝިން ގާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަހުމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވަނީ، މިނިސްޓަރު ވިދާޅުވި އެވެ.
ނިދުމުގެ މައްސަލައަކާއި ފުއްޕާމެއާ ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް އަދީބުގެ ހުންނައިރު، ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮލޮކޮމާ އަށް ވެސް އޭނާ ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
