ޚަބަރު

މިނިސްޓަރ ފައްޔާޒް ވަކިކުރަން ވިއްސަށްވުރެ ގިނަސޮއި ހޯދައިފި

އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއިހޯދަމުން ދާކަމަށް މީޑިއާގައި ޚަބަރުތައް ފެތުރިއްޖެއެވެ. އަދި އެކަންވަނީ މިނިސްޓަރ ފައްޔާޒުވެސް ކަށަވަރު ކޮށްދެއްވާފައެވެ.

ފައްޔާޒު ވިދާޅުވީ އެމަނިކުފާނަށް އިތުބާރުނެތްކަމަށް މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަމަށާއި ވަޒީރުކަމުގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވެނީ ރަނގަޅަށްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވިނަމަވެސް އެމްޑީޕީގެ އިސްމެމްބަރުންތަކެއް އިސްކޮށް ތިއްބައިވައިގެން ފައްޔާޒު ބޭރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށާއި، ރައީސްނަޝީދުވެސް އެކަމުގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.  

މެންބަރުންގެ ސޮއި ހޯދަން ފަށާފައިވާއިރު ޕީއެސްއެމް ނިއުސް އާއި ވާހަކަދެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރުންގެ ސޮއި ހޯދަމުންދާއިރު މިހާތަނަށް ވިއްސަށްވުރެ ގިނަ މެންބަރުންގެ ސޮއި ލިބިފައިވާކަމަށެވެ.

ސޮއިކުރި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހިމެނިވަޑައިގަންނަވާކަމަށް ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކެވި މެންބަރު ވަނީ ވިދާޅުވެފައިކަމަށް އެނޫހުން ބުނެއެވެ.

ފައްޔާޒުއަކީ މިސަރުކާރުގެ އެންމެ ހިންގުންތެރި މިނިސްޓަރުކަމަށާއި، ފުރިހަމައިތުބާރު އޮތްކަމަށް ބައެއް މެމްބަރުން ވަނީ މީޑިއާގައި ވިދާޅުވެއެވެ.

އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފް އާއި، އިހަވަންދޫ ދާއިރާގެ މެމްބަރު ޝާފިއުއާއި، ގަން ދާއިރާގެ މެމްބަރ މުޙައްމަދު ވިސާމް އާއި އަދި އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރ ރޮޒެއިނާ ވެސް ވަނީ ފައްޔާޒު އަށް ތާއީދުކުރައްވާކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close