ރައީސް ޔާމީންގެ ވެރިކަމުގައި ގެރެންޓީ ދީފައިވާ ލޯނުތަކާއި ދަރަނީގެ މިންވަރު މަޖިލީހުން ބަލަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ނަމުގައި ގެރެންޓީ ދީފައިވާ ލޯނުތަކާއި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދަރަނީގެ މިންވަރު ހުރި މިންވަރު ސާފުނުވާތީ އެކަން ބެލުމަށް މަޖްލީހުން ފާސްކޮށްފިއެވެ.
އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. މިހާރު އެމައްސަލަވަނީ ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މިމައްސަލަ ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު އެވެ. އެކަމަށް ނެގުނު ވޯޓުގައި މުޅި މަޖިލީހުގެ ކޮމެޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް 53 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.
މެންބަރުންގެ ލަފަޔާއި އިރުޝާދަކަށް އެދި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާކަމުން އަދި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކަމާއި ގުޅޭ ގާނޫނާއި އެއްގޮތަށް ހިނގަމުން ނުދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކާއި ލަފަޔަކަށް އެދިފަ އެވެ.
މިމައްސަލައަށް މެމްބަރުން ބަހުސްކުރެއްވިއިރު ލޯނުތަކުގެ ތަފްސީލް ހޯދުމަށް ހާއްސަ އޮޑިޓެއް ކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި އެކަމަށް އިހުމާލުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލާފަ އެވެ. ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތުތައް މަޖިލީހަށް ހިއްސާކޮށްފައިނުވާ މައްސަލަވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.
މިމައްސަލައަށް ބަހުސްކުރެއްވި އިދިކޮޅު މެމްބަރުން ވަނީ ވަކި މުއްދަތެއްގެ ތެރޭގެ ދަރަނި ހުރި މިންވަރު ބަލާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

