ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އިންޓަރނެޓްގެ އަގުހެޔޮވާނެ – މިނިސްޓަރ މަލީޙް
އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް “ރަނުން ރަނަށް” ކޮށް ނިމިފައިވާ ކަމަށާއި، ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެވަޑައިގެންނެވި ވައުދާ އެއްގޮތައް އިންޓަނެޓް އަގު ހެޔޮވާނެކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަލީހް ވަނީ މުވާސަލަތީ ޚިދުމަތްތަކުގެ އަގު ކުޑަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރިކަން ފާހަގަ ކުރައްވާފައެވެ.
މަލީޙް ވިދާޅުވީ އަދިވެސް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، ރާއްޖޭގައި ދެމުންދާ މުވާސަލާތީ ޚިދުމަތަކީ ކޮންމެ މީހަކަށް ލިބެން ޖެހޭ އަސާސީ ޙައްގެއްގެ ގޮތުގައި ޤާނޫނަކުން ކަނޑައެޅިއްޖެނަމަ އިންޓަނެޓާއި މުވާސަލާތީ އެހެނިހެން ޚިދުމަތްތަކުގެ އަގު ސަރުކާރަށް ކޮންޓްރޯލްކުރަން ފަސޭހަވާނެ ކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތައް ރެގިއުލޭޓްކުރަން ގާނޫނުން މަތިކޮށްފައިވާ ކޮމިނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް(ކޭމް) އަށް އެކަށީގެންވާ ބަޖެޓެއް ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
“ކޮމިއުނިކޭޝަން އޮތޯރިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި އިންޑިޕެންޑެންޓް އޮޑިޓްތަކެއް ހެދެން އެބަޖެހޭ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ އުސޫލުން. އެއީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ ސިގްނަލް ސްޓްރެންތް އެކަށީގެންވާ ގޮތެއްގައި އެބަހުރިތޯ، ޑޭޓާގެ ސްޕީޑް އެކަށީގެންވާ ގޮތެއްގައި އެބަހުރިތޯ، އެއިން އެއްވެސް އިކުއިޕްމަންޓެއް ފޯރުކޮށްދީފައެއްނުވޭ ފާއިތުވި ވަރަށް ގިނަ ޒަމާންތަކެއްވަންދެންވެސް. އެހެންވީމަ ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި،” މިނިސްޓަރ ވިދާޅުވިއެވެ.
މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތައް ރެގިއުލޭޓްކޮށް ކޮމިއުނިކޭޝަން އޮތޯރިޓީން މީހުން ތަމްރީންކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ދޫކުރަން ޖެހޭ ބަޖެޓް ދޫކުރުމުގައި މަޑު ޖެހުމެއް އައީ މިއަހަރު ދިމާވި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

