ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފި
ރޭ މެންދަމު މަޖްލިސް ކުރާގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ކައުންސިލަރުންގެ ދައުރު ދިގުދަންމާލެވޭ ގޮތަށް 74 މެމްބަރުންގެ ވޯޓާއިއެކު ޤާނޫނު އަސާސީ އިސްލާހު ކޮށްފިއެވެ.
މިރޭ 00:00 އާއި ހަމަޔަށް މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު ހަމަވާއިރު، ޤާނޫނު އަސާސީއަށް މިރޭ ގެނެވުނު އިސްލާހާއިއެކު މިކަމުގައި އުފެދުނު ޤާނޫނީ ސުވާލުތަކަށް ހައްލުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މިރޭ މެންދަމު 1:30ގައި ބޭއްވި މިޖަލްސާގައި ޤާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ހެނދުނުގެ ވަގުތެއްގައި މިބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމަށް ފޮނުވޭނެއެވެ.
ގާނޫނުއަސާސީގެ 231 ވަަނަ މާއްދާ އަށް އިންތިގާލީ ބައެއް އިތުރުކޮށް ކައުންސިލަަރުންގެ ދައުރު ދަންމައިލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީ ރިޕޯޓެއް ފާސްކުރުމަށްފަހު ތަޅުމުން ފާސްކުރުމުގެ ކުރިން 3 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. ނަމަވެސް މިމުއްދަތު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މައިނޯރިޓީ ލީޑަރު އެއްބަސްވާނަމަ އަވަސްކުރުމުގެ ފުރުސަތުވެސްލިބިގެންދެއެވެ. ނަމަވެސް މިކަމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު މުއްދަތުން ބޭރުން މިކަން ކުރުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.
ޤާނޫނު އަސާސީއަށް މިރޭ ގެނެވިފައިވާ އިސްލާހަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ. މި ދެ އަކުރު އިތުރު ކޮށްފައިވަނީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންް އިންތިހާބުކުރާ މެމްބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެއްދޭ މާއްދާއެގެ ގޮތުގައެވެ.
ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ދެ އަކުރު:
(ޅ) ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާ ކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބުމެވެ.
(ކ) މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.
ޤާނޫނު އަސަސީގެ 8 ވަނަ ބާބުގެ 231 ވަނަ މާއްދާގައި މިހާރުވަނީ 5 އަކުރެވެ. ޤާނޫނު އަސާސީގެ މިމާއްދާގައި ބުނެފައިވަނީ
(ހ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ.
(ށ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރާނީ، އެ ކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.
(ނ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ދިގުވެގެން ތިން އަހަރެވެ.
(ރ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
(ބ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިޚާބުތައް ހިންގައި ބަލަހައްޓާންވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
މިއީ މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއަށް އިސްލާހު ގެނެވުނު 5 ވަނަ ފަހަރެވެ. 2008 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤް ކުރެއްވި މި ޤާނޫނު އަސާސީއަކީ ޑޮމޮކްރަޓިކް ހަމަތަކުގެ މަތީން ރާއްޖެ ހިންގުމަށް ތައްޔާރު ކުރެވުނު އެންމެ ފުރިހަމަ ޤާނޫނު އަސާސީ ކަމުގައި ޤާނޫނީ ބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ.


