ޒަރޫރީ ބޭނުމެއްގައި ނޫނީ މަގުމައްޗަށް ނުނިކުތުމަށް ފުލުހުން އިލްތިމާސްކޮށްފި
ޒަރޫރީ ބޭނުންތައް ފިޔަވައި އެ ނޫން ގޮތް ގޮތަށް މާލޭގެ މަގުމަތީގައި ނޫޅުމަށާއި، ބޭނުމެއްނެތި މަގުތަކުގައި ނިކުމެ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިވަގުތު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެވޭނީ ވީހާވެސް ގިނަ ބަޔަކު ގޭގައި މަޑުކޮށްގެން ކަމަށެވެ.
އެކަމަކު، ސަރުކާރާއި އެ ނޫން ވެސް ތަންތަނުގައި ޒަރޫރީ ބޭނުމަށް ކުރާ ދަތުރުފަތުރަށް ފުލުހުން ހުރަސް ނާޅާނެ ކަމަށް ނަވީން ވިދާޅުވިއެވެ.
ފުލުހުން ވަނީ ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ކުރި އިލްތިމާސް ތަކުރާރުކޮށްފައެވެ. އަދި އެގޮތަށް ރައްޔިތުން ޢަމަލުކުރުމަށް އެދިފައެވެ.
މީހުން ޒަރޫރީ ބޭނުމަށްނޫނީ ނުނިކުތުމަށް އިލްތިމާސްކޮށްފައި ވާއިރު މާލެ ފުރަބަންދު (ލޮކްޑައުން) ކުރަން އުޅޭ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. އެކަމަކު، މާލޭގެ ފިހާރަތައް ބަންދުކޮށް މުޅި މާލެ ފުރަބަންދު ކުރާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
ސަރުކާރުން ވިދާޅުވީ މާލެ ލޮކްޑައުންކޮށް، މާލޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައް ބަންދުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި އަދި އެފަދަ މަޝްވަރާއެއް ވެސް ސަރުކާރުން މިހާތަނަށް ކޮށްފައި ނުވާނެ ކަމަށެވެ.
ޒަރޫރީ ބޭނުމުގައި ނޫނީ މާލޭގެ މަގުމަތީގައި އުޅޭ މީހުން ގޭގައި މަޑުކުރަން ފުލުހުން އަންގަން ފަށާ އިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްވަންދެން ސަރުކާރުގެ އިދާރާއެއްގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ވަނީ އިއްޔެ އަންގައިފައެވެ.

