ރަށްރަށަށް އަރައިފޭބުން މަނާނުކުރުމަށް އެލްޖީއޭއިން އަންގައިފި
ރަށްރަށަށް އަރައިފޭބުން މަނާކުރުމަކީ ޕަބްލިކް ހެލްތްގެ ޒިންމާގެ ތެރޭގައި ޤާނޫނަކުން ލިބިދީފައިވާ ބާރަކަށްވާތީ ކޮވިޑް-19 އާއި ގުޅިގެން ވިޔަސް ކައުންސިލްތަކުން އަމިއްލައަށް ރަށްރަށަށް އަރައިފޭބުން މަނާކުރުން ނުވަތަ ކޮންޓްރޯލް ކުރުންފަދަ ކަމެއް ނުކުރުމަށް ހުރިހާ ކައުންސިލްތަކަށް އެލްޖީއޭއިން އަންގައިފިއެވެ.
އެލްޖީއޭއިން ކައުންސިލްތަކަށް އެގޮތަށް އެންގީ ކޯވިޑް-19 އާ ގުޅުވައި ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާކަމުގެ ޝަކުވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކި ފަރާތްތަކުން ހުށަހަޅަމުން ގެންދާތީވެ، ކަމަށް އެލްޖީއޭއިން ބުނެއެވެ.
އެއޮތޯރިޓިން ކައުންސިލްތަކަށް އަންގާފައިވަނީ، ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށް ވީހިނދު، އެ ޙައްޤު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާކަމަށާއި އަދި އެއްގަމުމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅު ތަކެއް އެޅުމަކީ، ޤާނޫނު ނަންބަރު: 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެ މާއްދާގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންކަމުން، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް އެލްޖީއޭއިން ވަނީ އެދިފައެވެެ.

