ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފަންނީ އެހީ ރާއްޖެއަށް
ކޮވިޑް19 އާއި ގުޅިގެން އިންޑިއާ ސަރުކާރުގެ ފަންނީ އެހީފޯރުކޮށްދީފިއެވެ. އެގޮތުން ޞިއްޙީ މާހިރުންނާއި ޚިދުމަތްތެރިން ހިމެނޭ 14 މެމްބަރުންގެ ޚާއްސަ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ.
މިއީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށްޓަކާ އިންޑިއާ ސަރުކާރުން ފޮނުވާފައިވާ ޓީމެކެވެ. މި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރުންނާއި، ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު އެ ޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ ބޭހުގެ އެހީގެ ދަށުން 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތްކޮށް، ދިވެހިންނަށް ލުއި ދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖޭން ކޯވިޑް-19 ފެނުމާ ގުޅިގެން ކުރިއަށް އޮތް 30 ދުވަހަށް ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ.