ޚަބަރު

ކޮވިޑް-19: މިދަނޑިވަޅުގައި ޢާއްމުރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ސިއްޙީ ގޮތުން ދުނިޔެއަށް ކުރިމަވެފައިވާ މިދަނޑިވަޅަކީ ޞިއްޙީގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށާއި، މިދަނޑިވަޅުގައި ޑޮކްޓަރުންނާއި، ކަމާއިބެހޭ ފަރާތްތަކުގެ ލަފާގެ މަތިން ޞިއްޙީގޮތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ ޢާއްމުރައްޔިތުން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ޤައުމާ މުޚާޠަބު ކުރައްވާ މިއަދު ދެއްވި ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19 ދުނިޔެއިން ފެނި ފެތުރެން ފެށުމާއިއެކު ރާއްޖެއިން މިކަމަށް ދުރާލައި ތައްޔާރުވަމުން ދިޔަކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ޚާއްސަ އެސެސްމަންޓެއް ހަދައި މިކަމަށް ތައްޔާރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިބައްޔަކީ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކަށް މިބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް ޔަޤީންނުވާ ބައްޔަކަށްވާއިރު މިކަމުގައި ރައްޔިތުންގެ ފަރުދީ ޒިންމާއާއި ޢާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް ރާއްޖެއިންވެސް ޢަމަލުކުރަމުންދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އާއި، ރާއްޖޭގެ ޞިއްޙީ މާހިރުންގެ ލަފާގެ މަތީންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ރާއްޖެއިން މިކަމުގައި ރިސްކުލެވެލް ބަލާ މިންގަނޑު ކަނޑައެޅި ޢަމަލުކުރެވެމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމާ މުޚާތަބު ކުރައްވައި ވަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހު، ޗައިނާއިން ފެނުނު މިބަލި މިއަދު މުޅި ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިއާއެކު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން މުޅި ދުނިޔެއަށް ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާކަމަށެވެ.

މިދަނޑިވަޅުގައި ޞިއްޚި ގޮތުން އާންމު ރައްޔިތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކުރެއްވުމުގައި ޑޮކްޓަރުންނާއި ފަންނީ ބޭފުޅުންގެ ލަފާގެ މަތީން ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސް ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close