ޚަބަރު

ކޮވިޑް-19: ޚަބަރާއި މަޢުލޫމާތު ހިއްސާ ކުރުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް ރައީސް އެދިވަޑައިގެންފި

ކޮވިޑް19-އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޢާއްމުކުރުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ އޮނަރަބުލް އައްބާސް އިބްރާހިމް އަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން 2018ވަނައަހަރު އެރުވި އެވޯޑް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފްގެ ގަލަން އައްބާސް އިބްރާހީމާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވެވި ރަސްމިއްޔާތުގައި ޢައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އޭރު އެރުވިފައިނުވަނީ، އެމަނިކުފާނު އެދުވަސްވަރު ރާއްޖޭގައި ވަޑައިގެން ނެތުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޒަމާނަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއެކު ޚަބަރު ފެތުރުމައި ޚިޔާލު ފާޅުކުރުމުގެ މަގު ފަހިވެފައިވާ ޒަމާނެއްކަމަށެވެ. އެގޮތުން ބައެއް މީހުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ ދޮގު ތެދަށްވާ ޙާލަތުވެސް މެދުވެރިވަމުންދާކަމަށެވެ. އެހެންކަމުން ޢާއްމު ރައްޔިތުންނަށް ޞައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށްބޮޑުކަމަށެވެ.

ޚާއްސަކޮށް، މިދަނޑިވަޅަކީ ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއްކަމުން މިކަމުގެ އެންމެ ޞައްޙަ ދެތު މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މަޢުލޫމާތުތޯ ބެއްލެވުމަށް މީޑީއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި އައްބާސް އިބްރާހީމް ވިދާޅުވީ މިޒަމާނުގެ ނޫސްވެރިކަން ވަރަށްތަފާތުކަމަށާއި، އެންމެބޮޑު ތަފާތަކީ ކުރިން ނޫސްތަކާއި ޓީވީ ރޭޑިއޯއިން ކިޔާ ޚަބަރަކީ އެންމެ ޞައްޙަ ދެތު މަޢުލޫމާތުކަމަށް ޢާއްމު ރައްޔިތުން ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މިޒާމުގެ ނޫސްތަކުގައި ކޮންމެ އެއްޗަކީ ޞައްޙަ އެއްޗެއްކަމަށް ޤަބޫލުކުރަން ދަތި މިންވަރަށް ޞައްޙަނޫން މަޢުލާތު ހާމަކުރުން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ނޫސްވެރިކަން ހަރުދަނާކޮށް ކުރިއަރުވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭނުންވާ ކޮންމެ އެއްބާރުލުމެއް ދެއްވާނެކަމަށް އައްބާސް އިބްރާހީމް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ޢައްބާސް އިބްރާހީމް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޢައްބާސް އިބްރާހީމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީޚުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ބޭފުޅުންގެ ތަޖުރިބާ މިއަދުވެސް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close