ކޮވިޑް-19: ބިދޭސީންނަށް ޚާއްޞަކޮށްގެންވެސް ކްލިނިކެއް ހުޅުވައިފި
ދުނިޔޭގައި އެކިކަންކޮޅުތަކުގައި ކޮންޓްރޯލެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރެމުންދާ މިދަނޑިވަޅުގައި ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި، އަންގާރަ ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިކްލިނިކް ހުޅުވީ ހުޅުމާލޭގެ ޕްރީ ސްކޫލުގައި ކަމަށާއި، އެއީ ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުވުނު ފްލޫ ކްލިނިކެއް ކަމަށެވެ. އަދި މިކްލިނިކުން ހެނދުނު 10 އަކުން ރޭގަނޑު 10އަކަށް ޚިދުމަތް ލިބިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ފަރުވާ ހޯދުމަށް އެއްވެސް އައިޑެންޓީއެއް ބޭނުން ނުވާނެ ކަމަށެވެ.
ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާއިރު، މާލޭގައިވެސް ފްލޫ ކްލިނިކެއް ވަނީ ހުޅުވާފައެވެ. އަދި ޓްރެވަލް ކްލިނިކެއްގެ ޚިދުމަތްވެސް މިހާރު ދަނީ ދެމުންނެވެ.
