ހީކުރާ ވަރަށްވުރެ ކޯވިޑް 19 ގެ ނުރައްކާ ބޮޑުވެއްޖެ
މިހާރުވެސް ދުނިޔޭގެ 50 ޤައުމަކަށް ފެތުރިފައިވާ އަދި ގިނަބަޔަކު އެބަލީގައި މަރުވަމުންދާ ކޯވިޑް-19ގެ ނުރައްކާ ދުނިޔެއަށް ވަރަށް ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިންބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ސްވިޓްޒަލެންޑުގެ ޖެނީވާގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ
ދުނިޔޭގެ 50 ޤައުމަކަށް ފެތުރިފައިވާ ކޯވިޑް-19ގެ ނުރައްކާ ދުނިޔޭގައި އޮތީ ވަރަށް ނުރައްކާތެރި ދަރަޖައަކަށްކަމަށާއި އެހެންކަމުން ބަލި ފެތުރޭނެކަމަށް އަންދާޒާކޮށްފަ އޮތް މިންވަރު އިތުރުކޮށްފައިވާކަމަށެވެ.
ޗައިނާއިން ބޭރުގައި މިހާރު 4،350ހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށާއި ފާއިތުވި ހަފުތާގައި އިޓަލީވިލާތާއި އީރާނުގައި ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަމަށް ގެބްރިޔޭސުސްވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާ ފިޔަވާ ވައިރެސް ފެތުރުނު ޤައުމުތަކުން މިހާތަނަށް 67 މީހުންވަނީ މަރުވެފައެވެ.
ވައިރަސް މުޅިން އަލަށް ފެނުނު ޤައުމުތަކުގެ ތެރޭގައި ޑެންމާރކާއި އެސްޓޯނިޔާއާއި ލިތުއޭނިޔާއާއި ނެދަލެންޑްސްއާއި ނައިޖީރިޔާ ހިމެނެއެވެ.
ޑަބްލިޔުއެޗްއޯގެ ޞިއްޙީ ކުއްލި ޙާލަތާގުޅޭ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޑރ މައިކްލް ރަޔަން ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވިދާނެ އަލާމާތްތައް ފެންނަން ހުރުމުން އެކަމުގެ އުންމީދު އާވެ ހިތްވަރު ލިބިފައިވާކަމަށެވެ.
ޑަބްލިޔުއެޗްއޯއިން ވައިރަހުގެ ނުރައްކާ އޮތް މިންވަރު އަންދާޒާކޮށް މަޢުލޫމާތު ހާމަކުރުމުގެ ބޭނުމަކީ މީހުން ބިރުގެންނެވުން ނޫންކަމަށާއި، އެކަމުގެ ބޭނުމަކީ ޤައުމުތަކުން ސަމާލުވާންވީ މިންވަރު އަންގައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

