ޚަބަރު

ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ

ސަރުކާރުގެ ޚަރަދުގައި ށ.ފުނަދޫގައި ތަރައްޤީ ކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓުގައި މާދަމާ ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެކަމަށްޓަކައި ރައްޔިތުންދަނީ އެއަރޕޯޓް ސާފުކުރުމާއި، ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުނަދޫ ޑޮމެސްޓިކް އެއަރޕޯޓަށް ޖައްސާ ޓެސްޓު ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7 ޖަހާއިރުއެވެ. އަދި ފުނަދޫ އެއަރޕޯޓުގައި ޖައްސާނީ ހެނދުނު 7:45 ހާއިރުގައެވެ.

ފުނަދޫ އެއަރޕޯޓުގައި ޖައްސާ ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔުމަށް މުޅި ރަށް އެއްކޮށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެރަށު ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ވަނީ އެއަރޕޯޓް ސަރަޙައްދު ސާފުކޮށް އެސަރަހައްދުގައި ޤައުމީ ދިދަ ޖަހާފައެވެ.

އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓުގައި މާދަމާ ޓެސްޓް ފްލައިޓް ޖައްސާއިރު ރަސްމީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ވަނަ ދުވަހުއެވެ.

ފުނަދޫ އެއަރޕޯޓުގެ ޓާމިނަލް ބިލްޑިންގެ މަސައްކަތް ނިންމާފައިވާއިރު މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިން އާއި ފަޔާ ޕޮންޑުގެ މަސައްކަތެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އަޅާފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ.

ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފުނަދޫ އެއަރޕޯޓްގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ފުނަދޫ އެއަރޕޯޓްގައި ތާރުއަޅަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close