ޑޮމެސްޓިކް ތިން އެއަރޕޯޓަކަށް ބޭނުންވާ ލައިޓިންގ ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ
ސަރުކާރުން ތަރައްޤީކުރާ ޑޮމެސްޓިކް 3 އެއަރޕޯޓަކަށް ބޭނުންވާ ރަންވޭ ލައިޓިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފިއެވެ.
ރަންވޭ ލައިޓިންގ ސިސްޓަމް ހޯދުމަށް އިޢުލާންކޮށްފައިވާ 3 އެއަރޕޯޓަކީ ކުޅުދުއްފުށި ސިޓީ އެއަރޕޯޓާއި، ށ ފުނަދޫ އެއަރޕޯޓު އަދި ގދ މާވަރުލު އެއަރޕޯޓެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި 3 އެއަރޕޯޓަށް ބޭނުންވާ ރަންވޭ ލައިޓިންގ ސިސްޓަމް ހޯދުމަށް މިދިޔަ ޑިސެމްބަރުމަހު އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އަލުން ހުޅުވާލާފައިވާކަމަށެވެ.
އަދި އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދާނީ ނެޝެނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި މިއިން ކޮންމެ މަޝްރޫޢަކަށް ތިރީީސް އަށްހާސް ފަސް ސަތޭކަ ފަންސާސް ފަސް ރުފިޔާ ހުށަހަޅަން ޖެހޭއިރު، ފަސް ސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
ރަންވޭ ލައިޓިންގ ސިސްޓަމް ހޯދުމަށް އިޢުލާންކޮށްފައިވާ 3 އެއަރޕޯޓުގެ ތެރެއިން ކުޅުދުއްފުށި އެއަރޕޯޓަކީ މިހާރުވެސް ޝެޑިއުލް ދަތުރުތައް ކުރަމުންދާ އެއަރޕޯޓެކެވެ. އަދި ފުނަދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓު މިއަހަރުގެ ކުރީކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށާއި، ހޯރަފުށީ އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، ފަޔަރ ބިލްޑިންގ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް މިމަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.
