ޚަބަރު

އަބަދުވެސް ޖެންޑާ މިނިސްޓްރީއަށް ލިބެނީ ވަރަށް ކުޑަ ބަޖެޓެއް – ޝިދާތާ

އަބަދުވެސް ޖެންޑާ މިނިސްޓްރީއަށް ލިބެނީ ވަރަށް ކުޑަ ބަޖެޓެއް ކަމަށާއި ނަމަވެސް މިއަހަރު ކުރިއާ އަޅާބަލާއިރު ރަނގަޅު ބަޖެޓެއް ލިބިފައިވާ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވެއެޖެއެވެ.

ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ގއ. އަތޮޅުގެ ސެންޓަރަށް މުވައްޒަފަކު ހޯދުމުގެ މަސައްކަތްކުރާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

“ނަމަވެސް މުޅި އިޖުތިމާއީ މައްސަލަތައް ބަލާ ވުޒާރާއަށްވެފައި، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ ހިދުމަތްތައް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް މުއައްސަސާއަކަށް ބަލާއިރުގައި އަޅުގަނޑު ގަބޫލެއް ނުކުރަން އެކަށީގެންވާ ފައިސާ ވެސް ހުރި ކަމަކަށް، އެކަށީގެންވާ ވަރަށް މުވައްޒަފުން ވެސް ތިބި ކަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން ހުރި ކެޕޭސިޓީ ސްޓްރެޗްކޮށްގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންމިދަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން އަޅުގަނޑުމެންގެ އަތޮޅުތެރޭގެ ސެންޓަރު ހުރީކީ އެންމެ އެކަށީގެންވާ ހިދުމަތް ދެވޭ ހާލަތްތަކުގައެއް ނޫން. ސެންޓަރުގެ ފިޒިކަލް ހާލަތަށް ބެލިޔަސް، އަދި އެތަންތަނުގެ ތިބި މުވައްޒަފުންގެ އަދަދަށް ބެލިޔަސް. އޭގެ އެއް މިސާލު ގއ. ސެންޓަރުގައި އެއްވެސް މުވައްޒަފަކު ނެތް. އަހަރެއްހާ ދުވަސްވެއްޖެ މުވައްޒަފަކު ހޯދުމުގެ މަސައްކަތްކުރާތާ. މިކަހަލަ ބައެއް ހާލަތްތަކުގައި ސިވިލް ސާވިސްގެ ޕްރޮސީޖާ އޮންނަ ގޮތުން އަޅުގަނޑުމެންނަށް ގޮންޖެހުންތައް ހުރޭ. އެމަޖެންސީ ހާލަތްތަކުގައި އެޖެސްޓްކުރަން ޖެހޭ ކަންކަން އެޖެސްޓް ކުރުމުގައި،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިދާތާ އިތުރަށް ވިދާޅުވީ މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުން، އެއިން ކޮންމެ ސޯޝަލް ވޯކަރަކީ 50 ނުވަތަ 60 ވަރަކަށް މައްސަލަ ބަލަމުން އަންނަ ސޯޝަލް ވޯކަރުން ކަމަށެވެ. އެހެންނަމަވެސް ކޮންމެ މައްސަލައެއް ވެސް ފެންމަތިވާއިރު ހިދުމަތް ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ (33 އ.) އާއި ކާޕަ (62 އ.) އަދި މުނިކާފަ (81 އ.) ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން އެ ފްލެޓުގެ ދޮރު ވައްޓާލައިގެން ވަދެގެންނެވެ. އަދި އެކުއްޖާގެ ކާފަ އާއި މުނިކާފަ އިއްޔެ ހެނދުނު މާލެ ގެނެސް، ދޫނިދޫ ޖަލަށް ވަނީ ގެންގޮސްފައެވެ.

އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އަދި އެ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ. މި މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close