މި އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި
2020ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްއިން މިހާރު ވަނީ ހުޅުވައިލައިފައެވެ. 2020ވަނަ އަހަރަށް އިޢުލާން ކޮށްފައިވާ އެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފައިވާ ދާއިރާތަކަކީ؛
ޢާންމު ފަރުދުންގެ ތެރެއިން ހަމައެކަނި އަންހެނުންނަށް ރެހެންދި އެވޯޑަށް ހުށަހެޅޭ / ހުށަހަޅާ ދާއިރާތައް
1. ސިޔާސީ ދާއިރާ
2. އިޤްތިޞާދީ ދާއިރާ
3. އިޖްތިމާޢީ ދާއިރާ
އަންހެނުންގެ ތެރެއިން އަދާކުރާ ވަޒީފާއަކަށް ނުވަތަ އޮފީހަކަށް ޚިދުމަތްކޮށްފައިވާ އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތުގެ ރޮނގުން ރެހެންދި އެވޯޑަށް ހުށަހެޅޭ ދާއިރާތައް
1. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިއުޝަނަލް ސަރވިސް)
2. “އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް”ގެ ދާއިރާ
ވަޒީފާ ދޭ ފަރާތްތައް/ އިދާރާތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ
ޢާންމު ފަރުދުންގެ ތެރެއިން ފިރިހެނުންނަށް ރެހެންދި އެވޯޑަށް ހުށަހެޅޭ / ކުރިމަތިލެވޭ ދާއިރާ
މި އެވޯޑަށް ކުރިމަތިލުމަށް އެދި ޢާންމު ފަރާތްތަކާއި، މުއައްސަސާތަކުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްއަށް ނަން ހުށަހެޅިދާނެއެވެ. ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 2020 ޖަނަވަރީ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ. މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުން www.gazette.gov.mv/iulaan/view/122554 އިން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީއަށް ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދޭ ޚާއްޞަ އެވޯޑެކެވެ.

