ޚަބަރު

އެއަރޕޯޓް ބޮޑުކުރުމުގެ ހުއްދަނުދިން މައްސަލައިގައި މިނިސްޓަރ މާފަރަށް ވަޑައިގެންފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ އީޕީއޭ އިން ނުދިން މައްސަލަ ރަނގަޅަށް ދިރާސާކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު އިއްޔެ ނ. މާފަރަށް ވަޑައިގަންނަވައިފި އެވެ.

އެމައްސަލަ ޕްލޭނިން މިނިސްޓްރީން އިސްތިއުނާފަށް ހުށަހަޅާފައި ވަނިކޮށް މިނިސްޓަރ ހުސެއިން މާފަރަށް އިއްޔެ ވަޑައިގަތީ ރައްޔިތުންގެ ފަރާތުން ގިނަބަޔަކު ސޯސަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔައި އެކަމުގެ އަޑީގައި ބޮޑުކަންތައްގަނޑެއް އުޅޭކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ.

ވެލާބިސްއަޅަން އެހާގިނައިން ވެލާއަރާ ރަށެއްގައި އެއަރޕޯޓެއް ހަދަން ހުއްދަ ކުރިންދިނީ ކީއްވެގެންތޯވެސް ގިނަބަޔަކުވަނީ ފޭސްބުކާއި ޓްވިޓަރގައި ސުވާލުކޮށްފައެވެ.

އީޕީއޭއިން ބުނާގޮތުގައި އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ނުދޭން ނިންމީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނުރައްކާތެރި ބޮޑެތި ގެއްލުންތަކެއްގެ ސަބަބުންނެވެ.

އީޕީއޭއިން އެކަން ހާމަކުރީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހަދާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ފަހު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އެ ހުއްދަ ނުދިނީ މައިގަނޑު ނުވަ ސަބަބަކާ ހެދިއެވެ.

ޖެހިގެން އައި ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ މި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

މިނިސްޓަރ ހުސެއިންގެ މި ދަތުރުގައި މާފަރުގެ ރައްޔިތުންނާއި އެ ރަށު ކައުންސިލްގެ އިސްވެރިންނާ އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމުން ބައްދަލުކުރި އެވެ. މިއީ ގޮތެއް ނިންމުމުގެ ކުރިން މި މައްސަލަ ފުރިހަމަ އަށް ދިރާސާކުރަން އެ ރަށަށް ކުރި ދަތުރެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުށަހެޅީ، އެތަނުގައި ބޮއިން 777 މަރުކާގެ މަތިންދާބޯޓް ޖެއްސޭ ގޮތް ހަދާށެވެ. މިދިޔަ މަހު ހުޅުވި މި އެއާޕޯޓުގައި އެވަރުގެ ބޯޓެއް ޖައްސާނީ ކިހާ އާންމުކޮށް ކަމެއް ނޭނގޭ ކަމަށް އީޕީއޭ އިން ބުނެފައި ވެ އެވެ. ރަންވޭ ބޮޑުކުރަން ބިން ހިއްކައިފި ނަމަ އެ ރަށް ވަށައިގެންވާ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ވެސް އެތަނުން ބުނެފައި ވެ އެވެ.

މީގެ އިތުރުން އެ ރަށަކީ ވެލާ ބިސް އަޅަން އަރާ މަޝްހޫރު ރަށެއް ކަމަށް ވެސް އީޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ބިން ހިއްކަން ހުށަހަޅާފައި އޮތީ ދިގު މުއްދަތެއް ހޭދަވާ ގޮތަކަށް ކަމަށް ވާތީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ދަތުރަށް ފަހު މި މައްސަލައާ ގުޅޭ ފަންނީ ރިޕޯޓެއް އެންވަޔަރަމެންޓް މިނިސްޓްރީން ތައްޔާރުކޮށް، މިނިސްޓަރުގެ ނިންމެވުން އީޕީއޭ އަށް އަންގާނެ ކަމަށެވެ. މިނިސްޓަރުގެ ނިންމުން ތަންފީޒުކުރާނީ އީޕީއޭ އިންނެވެ.

މިނިސްޓަރުގެ ނިންމުން މި މަހުގެ 23 ގެ ކުރިން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close