މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީނުކޮށް ހިންގާ ޖަމާޢަތެއް – އިސްލާމިކް މިނިސްޓްރީ
ދީނީ ޢިލްމްވެރިންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ފަތުރާތީ ގިނަފަރާތްތަކެއް ނުރުހުން އަމާޒުވެ އަދި އެ ޖަމާޢަތުގެ އިސް އިމާމުންގެ ހުއްދަ ހިފަހައްޓާފައިވާ މަކްތަބާ ސަލަފިއްޔާ އާއި އެޖަމާޢަތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ހިންގާ ސްކޫލްތަކަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތަންތަންކަމަށާއި، އެމައްސަލަ މިހާރު ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު ރޭ “ސަންއޮންލައިން” އަށްދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތަށް ނިސްބަތްވާ މީހުން ރަޖިސްޓްރީނުކޮށް އަމިއްލައަށް ސުކޫލު ހިންގަމުންދާ ކަމަށެވެ.
“މަކްތަބާ ސަލަފިއްޔާ އަކީ އެމީހުން އަމިއްލައެއް ދީގެން އުޅޭ ނަމެއް. ކުދިން ސަރުކާރު ސްކޫލުތަކަށް ނުފޮނުވުމަށް ޖަމާއަތުން ފަތުވާ ދޭ އަދި އެ ކުދިން ދަނީ މިދެންނެވި ސުކޫލުތަކަށް ކަމަށް މައުލޫމާތު ލިބިފައިވޭ،” އަފްރާ ވިދާޅުވިއެވެ.
އަފްރާ ވިދާޅުވީ އެގޮތަށް ފަތުވާ ނެރެމުން ދަނީ ދާދި ފަހުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި އެ ޖަމާއަތުގައި އިސްކޮށް އުޅުއްވާ ޝެއިޚް މުހައްމަދު ހަސަން ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެކަންތައް ބެލުމަށްފަހު އެކަންކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބަލަމުންދާ މައްސަލައަކަށްވާތީ އެކަމުގެ ތަފްސީލު ނުލިބެއެވެ.
މަކްތަބާ ސަލައްފިއްޔާ ޖަމާއަތުގައި އިސްކޮށް އުޅުއްވާ ޝެއިޚް މުހައްމަދު ހަސަންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލު ކުރީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާ އެކަން ދޮގު ކުރައްވައެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ ޖަމާއަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަސަން ވިދާޅުވީ، އޭނާ އައި އޭނާ ނިސްބަތްވާ ޖަމާއަތަކީ އެންމެ ބޮޑަށް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ކަމަށާއި ދުވަހަކުވެސް އެފަދަ ކަމަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށެވެ.
ވަކި މުއްދަތެއް ނެތި އިސްލާމިކް މިނިސްޓްރީއިން ޝެއިޅް މުހައްމަދު ހަސަންއާއި އިތުރު ދެ އިލްމުވެރިއެއްގެ ހުއްދަ ހިފެހެއްޓިއެވެ. އެ ބޭފުޅުންގެ ތެރޭގައި، ނ. ޅޮހި/ މަނަދޫގެ، އަބްދުއްރަހީމް މުހައްމަދު އާއި ސ. މީދޫ، ދެކުނުގެ، ޖައުފަރު ފާއިޒް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ބާތިލް ކުރި އިލްމުވެރިންގެ ހުއްދަ އަލުން ދީފާނެ ކަމުގެ އިޝާރާތެއް މިއަދު ކޮށްފައެވެ. އެގޮތުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި މީހުންނާ ވާހަކަ ދައްކައި އިސްލާހީ ބަދަލުތަކެއް ފެނިއްޖެ ނަމަ އަލުން ހުއްދަތައް މުރާޖާކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

